
ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަޒީފާއިން ވަކިކުރާތީ މާލީ ވަޒީރު، ހަސަން ޒަރީރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
ކުންފުނިތަކުގެ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރާ ކަމަށް ބުނާ މައްސަލައިގައި ފިނޭންސް މިނިސްޓަރު ޒަރީރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގައި ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި، ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކިކުރުމުގައި އޭނާގެ ސިޔާސީ ފިކުރަށް ބަލައި ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރަމުންދަނީ ކޮން އުސޫލަކުން އަދި ކީއްވެގެންތޯ ސާފުކޮށްދިނުމަށް މެމްބަރު ކުޑޫ ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.
ޒަރީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މެމްބަރު ކުޑޫ ހުށަހެޅީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް ޒަރީރު، މަޖިލީހުގެ މެންބަރެއްގެ ސުވާލަށް ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރުކުރަން ހުށަހެޅި ފުރަތަމަ ފަހަރެވެ.
މިފަދަ މައްސަލައެއް ހުށަހެޅިއިރު، ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާއި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި، އޭނާގެ ކެމްޕޭނުގައި އުޅުނު 10 މީހަކު މިހާތަނަށް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ހަމައެހެންމެ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ މިފްކޯގެ ހަތް މުވައްޒަފަކު ވަޒީފާ އިން އެކެހެރިކޮށްފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.










