

ލައިވް ޓީވީގައި މުސްލިމް ދަރިވަރުންނަށް ހިންދޫ ޝިޢާރެއް ކިޔުމަށް މޯދީ މަޖުބޫރުކޮށްފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލައިވް ޓީވީގައި މުސްލިމް ދަރިވަރުންނަށް ހިންދޫ ދީނުގެ ޝިޢާރެއް ކިޔުމަށް މަޖުބޫރުކުރި ކަމުގެވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އިންޑިޔާގެ ސެކިއުލަރިޒަމާއި، ދީނީ މިނިވަންކަމުގެ މައްޗަށް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
މި ހާދިސާ ހިނގާފައިވަނީ މުސްލިމް ދަރިވަރުންތަކެއް ބޮޑުވަޒީރާ ބައްދަލުކުރުމުގެ ތެރޭގައެވެ. މި ހާދިސާއަށްފަހު، އެ ދަރިވަރުންނަށް ހިންދޫ ޝިޢާރެއް ކިޔުމަށް މޯދީ މަޖުބޫރުކުރި ކަމުގެ ތުހުމަތު ވަނީ ފެތުރިފައެވެ. މިހާރު މި މައްސަލަ އިންޑިޔާގެ މުޖުތަމަޢުގައި ޚާއްސަ ގޮތެއްގައި މުސްލިމް ކޮމިއުނިޓީގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލަ ހަމައެކަނި ދީނީ މައްސަލައެއް ނޫން ކަމަށް ބުނެ، އިންޑިއާގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނާގޮތުން މިއީ ދީނެއް ނޫނެވެ. މިއީ އިންސާނީ އަސާސީ އިޙްތިރާމާ ބެހޭ ކަމެކެވެ. މީހެއްގެ ނަމުން ނުވަތަ ދީނުން އެމީހަކާމެދު ޢަމަލުކުރާނެ ގޮތް ކަނޑައެޅޭ ކަމަށް ވާނަމަ، ދެން އިންޑިޔާ ފަދަ ބޮޑު، ގިނަ ދީންތަކުގެ މީހުން ދިރިއުޅޭ ޤައުމެއްގައި އެއްބައިވަންތަކަމެއްގެ ވާހަކަ ދެއްކޭނީ ކިހިނެއްތޯ ސުވާލު އުފައްދާލާފައިވެއެވެ.
މުސްލިމް ދަރިވަރުންނަށް ދީނީ ޝިޔާރެއް ކިޔުމަށް މަޖުބޫރުކުރުމަކީ އިންޑިޔާގެ "ސެކިއުލަރ" އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއީ އިންޑިޔާގައި މިހާރު ފެންނަމުންދާ ދީނީ އަސާސީ އިޙްތިރާމް ނެތިގެންދާ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.
އިންޑިޔާގެ މަގުސަދު ކަމަށްވާ އެއްބައިވަންތަކަމާއި ދީނީ މިނިވަންކަން ހުރީ ކޮން ހާލަތެއްގައިތޯއެވެ؟ މިފަދަ ހާދިސާތައް ތަކުރާރުވުމަކީ ޤައުމުގެ އެއްބައިވަންތަކަމަށް ނުރައްކާ ކުރާ ކަމެއް ކަމަށް ވެސް އިންޑިއާގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
މި ހާދިސާއާ ގުޅިގެން މޯދީ ސަރުކާރުގެ ފަރާތުން ރަސްމީ ބަހެއް ބުނެފައި ނުވާއިރު، އިންޑިޔާގެ ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ މުޖުތަމަޢުގައި މިފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ.