

15 އޯގަސްޓް ވާ ހުކުރު ދުވަހު ޢައްޒާގެ މައްޗަށް ދެމިފައިވާ އަނިޔާވެރި ހިސޯރު ނައްތާލުމަށް ގޮވާލައި، ރާއްޖޭގައި ބޮޑު ގައުމީ އެއްވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އެއްވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ގައުމީ ބޮޑު އެއްވުން އޮންނާނީ ހުކުރު ދުވަސް ކަމަށްވާ 15 އޯގަސްޓް ގެ، ހަވީރު 16:30 ގައެވެ. އެއްވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގެ ޓަރފް ގްރައުންޑްގައެވެ.
މި އެއްވުމުގެ މައިގަނޑު މަޤްޞަދަކީ ޢައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އަޑުއުފުލައި، އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، ޢައްޒާގެ ސަރަޙައްދު ވަށާލާފައިވާ ހިސޯރު ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލުމެވެ. ޢައްޒާގެ ހިސޯރުގެ ސަބަބުން އެތައް ބަޔަކު ބަނޑަށް ޖެހި، ބޭސްފަރުވާއަށް ދަތިވެ، އަސާސީ ޚިދުމަތްތައް ނުލިބި ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން މިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރެއެވެ.
ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށް، އެމީހުންގެ ދިފާޢުގައި އަޑުއުފުލާ ބައެކެވެ. މި ގައުމީ އެއްވުމަކީ ފަލަސްތީނަށް ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭނެ ފުރުސަތެކެވެ. މިފަދަ އެއްވުންތަކަކީ އަނިޔާ ލިބެމުންދާ މުސްލިމު އަޚުންނާއި އުޚުތުންނަށް ތާއީދުކުރުމުގެ ގޮތުން މުހިންމު ހަރަކާތްތަކެކެވެ.
ވީމާ، ޢައްޒާގެ ހިސޯރު ނައްތާލުމަށް ބާއްވާ މި ގައުމީ އެއްވުމުގައި ބައިވެރިވެ، ފަލަސްތީނު ރައްޔިތުންނަށް އަޅާލާ ކޮންމެ ދިވެއްސެއްގެ އަޑު ގަދަކުރުމަށްޓަކައި، ހުރިހާ ބޭފުޅުންވެސް ބައިވެރިވުމަކީ އެދުމެކެވެ.