March 17, 2026
Advertisement
"ކަނބުލޮ" އޮލިމްޕަސް ގުޑުވާލައިފި
"ކަނބުލޮ" އޮލިމްޕަސް ގުޑުވާލައިފި / ސޯޝަލް މީޑިއާ

"ކަނބުލޮ" އޮލިމްޕަސް ގުޑުވާލައިފި

Sep 11, 2025, 12:49 AM
މާލެ ސިޓީ

އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ ކުލަގަދަ ހަފްލާއެއްގައި ޕްރިމިއަރ ކުރި ދިވެހި ފިލްމް "ކަނބުލޮ" އެޅުވީއްސުރެ އެތައް ބަޔަކު ދައްކަނީ އެ ފިލްމުގެ ވާހަކައެވެ.

Advertisement

އޮލިމްޕަސް ހުޅުވާފައި ހުންނަ ކޮންމެ ވަގުތަކު ޓިކެޓްގަންނަ މީހުން ކިއުގައި ތިބެއެވެ. އާންމުކޮށް ފިލްމު އަޅުވާ ގަޑީގެ އިތުރުން ދަންވަރުގެ ޝޯއާ ހަފްތާ ބަންދުވެސް ޑައިރެކްޓަރ މުނައްވަރަށް އޮލިމްޕަސް ދޭންޖެހުނީއެވެ. އޮލިމްޕަހުގެ ކޮންމެ ޝޯއެއް ހައުސްފުލްކޮށްދާއިރު ރަށްރަށުގައިވެސް ފިލްމުގެ ޝޯތައް ކުރިއަށް ގެންދެއެވެ.

ހަފްތާބަންދުގެ ބާރުބޮޑު ޝޯއަކުން ނުކުމެ ފިލްމާ މެދު މީހުންގެ އިހުސާސްތައް އަހާލީމެވެ. ފިލްމުގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހުރި ފައްސި ކޮމެންޓްތައް ގަބޫލުނުކުރާތީއެއް ނޫނެވެ. ޒިންމާދާރު މީޑިއާއެއްގައި މަސައްކަތްކުރާ ފަރާތަކަށްވީތީ މީހުންގެ ގާތުން އަހައިގެން މީހުން ބުނާ އެއްޗެއް ނޫނީ ނުލިޔުމަށެވެ.

މިދެން އެންމެ ރީތިކޮށް އަހަރެމެންގެ ހާލަތު ބުނެދެވޭނެ ގޮތް އަނިޔާ ލިބޭ މީހާ އިންސާފު ހޯދަން ދާނެ ތަނެއް ނެތް

ފިލްމުގެ ޑައިލޮގަކާވެސް ގުޅުވައި ފިލްމުން ނުކުތް 20 ވަރަކަށް އަހަރުގެ ޒުވާން އަންހެނަކު ބުންޏެވެ.

ފިލްމު ބަލާފައި ނުކުތް 40 އަކަށް އަހަރުގެ އަންހެނަކަށް ފާހަގަވީ ކިތަންމެ ގިނަ ގޯސްތަކެއް އަހަރުމެންގެ ތެރޭގައި އޮތަސް ކުލުނު ހުންނަ މީހުންވެސް އުޅޭކަން ފިލްމުގައި ބުނެދޭކަމެވެ.

"މީގައި މި އުޅޭ ޝަކިއްތަ ކަހަލަ މީހުން އެބަ އުޅޭ މަދުން ނަމަވެސް އެކަހަލަ މީހުން އުފެދެންވީ ލޯބިން މަރުވެއްޖެ" ފިލްމުގައި މަރިޔަމް ޝަކީލާ އަދާކުރާ ރޯލަށް ނިސްބަތްކޮށް އޭނާ ބުންޏެވެ.

ސެޓަރން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި މި ފިލްމު ކަމުދަނީ ވަކި ކޮން އުމުރެއްގެ ބަޔަކަށްކަމެއް މިހެން އައިސް ވަދެލާ ޝޯއަކަށްފަހު ބުނެދިނުމަށް ދަތިވާނެއެވެ.

މިކިޔާ ޖެންޒީއާ އަދި އޭގެ ޅަފުރާގެ އިތުރުން ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ އިތުރުން ދުވަސްވީ މީހުންވެސް މި ފިލްމު ބަލަން އެބަ ވަދެއެވެ.

ޓިޝޫ ހިފައިގެންދާން ގޮވައި އިޝްތިހާރު ނުކުރިޔަސް މި މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ޝޯގައި އިން ޒުވާން އުމުރުގެ ފިރެހެނަކުން ބަޑިފަޅައިގެން ގޮސް ތިއޭޓަރުން ނުކުމެ ހުރުމަށްފަހު ވަންނަ މަންޒަރުވެސް ފެނުނެވެ. އަދި އެތައް ބަޔަކު ފިލްމު ބަލަން ތިބެ ރުއިއިރު އެންމެނަށް ހިތްހަމަ ޖެހުން ގެނެސްދިނީ ފިލްމުގައި ދިން މެސެޖްތަކެވެ. ފިލްމު އުފެއްދި ފަރާތުން ދީފައިވާ އިޖުތިމާއީ މެސެޖުތަކާއި އަންހެނުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ހިތްވަރު ދީފައިވާގޮތްފެނި ފިލްމު އުފެއްދި ފަރާތަށް ކުރަނީ ތައުރީފެވެ.

ކޮންމެހެން ރޯކަށް ނޫނީ ނުރޯކަށް ނޫން މި އިނީ އެކަމު ރޮއްވާލާ އަދި ވަރަށް ހިތްވަރުވެސް ލިބޭނެހެން ހީވަނީ މިކަހަލަ ކަންކަން ގޯތުރޫކުރާ މީހަކަށް

ފިލްމާމެދު ޒުވާން އަންހެނަކު ބުންޏެވެ.

އެކްޓިންނާއި ޑައިރެކްޝަނާއި ލަވަތަކާއި ބެކްމިއުޒިކާއި ތަރިންގެ އެކްޓިންއަށް ބަލައިގެން ފިލްމާމެދު ވާހަކަ ދައްކާ ފަރާތްތަކަށްވެސް ފިލްމު މަގުބޫލުވިއެވެ.

ކުރީގެ ފިލްމުތަކުގައި ފިލްމާ މާބޮޑު ގުޅުމެއް ނެތް ލަވަތައް ބޭނުންކޮށްފައި ހުރިނަމަވެސް މިހާރުގެ ޖީލަށް އެއީ މާ ކަމުދާ ކަމަކަށް ނުވެއެވެ. ފަހަރަރުގައި ޒުވާނުނަށް ފިލްމު ކަމުދިޔަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ މިއީކަމަށްވެސް ވެދާނެއެވެ.

ލަވަތައް އަންނަނީ ފިލްމުގެ ވާހަކައާ ގުޅިގެން ތިބެފަ ނަށައިގަންނަނީއެއް ނޫން. މާނައެއް އެކުލެވޭ ސްޓޯރީއާ ގުޅުވާ

ޒުވާން ފުރައިގެ ކުއްޖަކު ބުންޏެވެ.

މި ފިލްމު ލައުންޗްކޮށް ދެއްވީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޕްރޮޑިއުސްކުރައްވާފައިވާ އަދި އެންމެ ބޮޑު އަމިއްލަ ސްޓޫޑިއޯގެ ގޮތުގައި ފެނުނު ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދުއެވެ.

މިއީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިފައިވަނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ،އަހުމަދު ނިމާލް،ޝީލާ ނަޖީބު،އަހުމަދު އީސާ،ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރި ހަތަރުވަނަ ފިލްމެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އަލީ ޝާނީޒް މުހައްމަދު އަދި ހުސެން މުނައްވަރެވެ.

"ކަނބުލޮ" ފިލްމު ހުށަހަޅައިދޭ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު "ކަމަނާވެސް ވަނީ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ބާއްވާފައެވެ.

އޮލިމްޕަހުގެ ޓިކެޓްކައުންޓަރަށް ބަލާލިޔަސް ޝޯތަކަށް ބަލާލިޔަސް މިވަގުތު ފެންނަނީ "ކަމަނަ" ގެ ޝޯތަކަށްވުރެ ބާރުބޮޑުކޮށް އޮލިމްޕަސް ގުޑުވާލައިގެން އުޅޭތަނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved