
އިޒްރޭލުން މިހާރު ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކަކީ "މަސީހު" ފާޅުވަންދެން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަންކަން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާންކޮށްފިއެވެ.
އެމެރިކާއާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ، މިހާރު ކުރިއަށްދާ ކެމްޕޭނަކީ އީރާން އަލުން ބައްޓަންކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށާއި، މި މަސައްކަތުގައި އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ސައިންޓިސްޓުންނާއި އިސް ލީޑަރުން މަރާލެވުމަކީ އިޒްރޭލަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނަތަންޔާހޫ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދީނީ އިޝާރާތެއް ކޮށްފައެވެ. އޭނާ ބުނި ގޮތުގައި، "އަހަރުމެން މިކަން ކުރިއަށް ގެންދާނަން މަސީޙު ފާޅުވަންދެން، ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އަދި އެކަން ނުވާނެ،" ކަމަށެވެ. މިއީ މި ހަނގުރާމައަކީ ހަމައެކަނި ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ނޫން ކަމާއި، މިއީ ދިގު މުއްދަތަކަށް ރޭވިފައިވާ ފިކުރީ އަދި ދީނީ ހަނގުރާމައެއްގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ނަތަންޔާހޫގެ މި ބުނުމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ވިދާޅުވީ، ޔަހޫދީން "މަސީހު" ގެ ގޮތުގައި އެ އިޝާރާތް ކުރަނީ ފަހު ޒަމާނުގައި ފާޅުވާނެ ކަމަށް ބުނާ އަލްމަސީޙުއްދައްޖާލަށް ކަމަށެވެ. އިސްލާމީ އަގީދާގައި "މަސީހު" މި ނަން ދެ ފަރާތަކަށް ނިސްބަތްވީ ނަމަވެސް—އެއީ އަލްމަސީޙު އީސާގެފާނާއި އަލްމަސީޙުއްދައްޖާލެވެ—ޔަހޫދީން އުންމީދުކޮށް، އިންތިޒާރު ކުރަމުންދަނީ ދައްޖާލަށް ކަމަށް ޝެއިޚް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ނަތަންޔާހޫގެ މި ބަސްމަގުން ދޭހަވަނީ، އެމީހުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ދައްޖާލު ފާޅުވަންދެންވެސް ލޭއޮހޮރުވުންތައް ކުރިއަށް ގެންދަން ތައްޔާރަށް ތިބި ކަމެވެ.










