

މި މަހުގެ 11 ވަނަ ދުވަހު ތިލަފުށީގައި ހިނގި ހާދިސާގައި ލޮރީ ދުއްވަން އިން މީހާއާ ދެކޮޅަށް ފުލުހުންނަށް ހެކި ހުށަހެޅިފައިނުވާތީ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:15 ހާއިރު ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި ލޮރީ އޭނާގެ ގައިމަތިން ދިއުމުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާ ހިނގި އިރު ކޮރީ ދުއްވަން އިނީ ންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަޑުރާއީއެވެ.
ވިގްނޭޝްގެ މައްޗަށް ފުލުހުން ކުރަނީ އެކްސިޑެންޓްގެ ސަބަބުން، ލޮރީން ޖެހުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނިކޮށް ވިގްނޭޝް މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ފިލިކަމުގެ ތުހުމަތެވެ. އޭނާގެ މުއްދަތާ މެދު ގޮތެއް ނިންމަން ރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފުލުހުންގެ ތުހުމަތާގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވާތީ އެއްވެސް ޝަރުތަކާ ނުލާ ވިގްނޭޝް ދޫކޮށްލަން ނިންމާފައެވެ.
ހާދިސާގައި އަނިޔާވި އުމުރުން 53 އަހަރުގެ ސްރީލަންކާ މީހާއަށް އައިޖީއެމްއެޗްގެ ގެންދަނީ ފަރުވާ ދެމުންނެވެ.