March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިރާންގެ ކަނޑުގެ ލަޝްކަރު ސަބްމެރިންތަކާއެކު ހޮރްމުޒް ކަނޑުއޮޅިއަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 26, 2026, 11:17 PM
މާލެ ސިޓީ

އިރާނުގެ އަސްކަރީ ބާރު ދައްކާލުމުގެ ގޮތުން، އެ ގައުމުގެ ކަނޑުގެ ލަޝްކަރުގެ އެންމެ ޒަމާނީ ސަބްމެރިންތަކާއި ހަނގުރާމަމަތީ އުޅަނދުފަހަރާއެކު އިސްތިރާޖީ ގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅިއަށް ނުކުމެ ހަރަކާތްތެރިވާން ފަށައިފިއެވެ.

Advertisement

މި ހަރަކާތްތަކުގައި އިރާނުން އަމިއްލައަށް އުފައްދާފައިވާ "ފާތިޙް" ކްލާސްގެ ސަބްމެރިންތަކާއި، ތަފާތު އެކި ފެންވަރުގެ ހަނގުރާމަމަތީ މަނަވަރުތައް ބައިވެރިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. މި އުޅަނދުތައް ހޮރްމުޒް ކަނޑުއޮޅީގެ އިތުރުން އޮމާން ކަނޑުގެ ސަރަހައްދުގައި ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމާއި، ބޭރުގެ ކޮންމެފަދަ ނުރައްކަލަކުން ދިފާއުވުމަށް އޮތް ތައްޔާރީތައް ވަރުގަދަކުރުމެވެ. އަދި މިއީ ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް އިރާނުގެ ގާބިލުކަން ހުރި މިންވަރު ދައްކައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެ ގައުމުން ބުނެއެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ، އަދި އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބަލާއިރު މުޅި ދުނިޔެއަށްވެސް ވަރަށް މުހިންމު ސަރަހައްދެކެވެ. އިރާނުގެ މި ފިޔަވަޅަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެއް ކަމުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

ވަކިން ހާއްސަކޮށް، އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން މުޅި ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ. އިރާނަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް، އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ވަރުގަދަ ބަަސްމަގުން ވާހަކަދައްކަމުންދާ ގައުމެކެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިރާނުން ކަނޑުގެ ސަރަހައްދުގައި ބާރު ދައްކާލުމަކީ ސަރަހައްދީ ބާރުތަކަށް ދެވޭ މެސެޖެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved