
އިރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޖޯޑަން އިން ފުރިހަމަ އެއްބާރުލުން ދިނުމަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ ލޮޖިސްޓިކަލް އެހީތެރިކަމާއި އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދިނުމުގައި ޔޫއޭއީ އާއި ޖޯޑަންގެ އިތުރުން އިނގިރޭސިވިލާތުންވެސް އަމަލީގޮތުން ބައިވެރިވާނެއެވެ. މިއީ ސަރަހައްދީ ރައްކާތެރިކަމާއި އެމެރިކާއާއެކު އޮންނަ އަސްކަރީ ގުޅުން ބަދަހިކުރުމުގެ ގޮތުން އެ ގައުމުތަކުން ނެގި ނިންމުމެއް ކަމަށް ބެލެވެއެވެ.
ޔޫއޭއީ އާއި ޖޯޑަން ފަދަ އިސްލާމީ އަދި އަރަބި ގައުމުތަކުން، އިރާނާ ދެކޮޅަށް އެމެރިކާއަށް މިފަދަ ފުރިހަމަ އެއްބާރުލުމެއް ދޭން ނިންމުމަކީ ސަރަހައްދީ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްޞަކޮށް، ޖޯޑަން އާއި ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބޭނުން ހިފުމަށާއި، މައުލޫމާތު ބަދަލުކުރުމުގައި މި ގައުމުތަކުން ދޭ އެހީތެރިކަމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބާރު ސަރަހައްދުގައި އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި ނިންމުމާ ގުޅިގެން އިރާނުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އަވަށްޓެރި އަރަބި ގައުމުތަކުން އެމެރިކާއަށް ދޭ މި އެހީތެރިކަމުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫއަރައި، ހަމަނުޖެހުންތައް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެމެރިކާއިން ބުނަމުންދަނީ މިފަދަ އެހީތެރިކަމަކީ ސަރަހައްދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.










