March 14, 2026
Advertisement
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް / ފޭސްބުކް

ފައިސަލް ނަސީމްމެންނަށް ޕީއެންއެފްގެ ޕޯޑިއަމްއިން ޖަވާބުދެވޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 28, 2026, 12:33 AM
މާލެ ސިޓީ

ނިމިދިޔަ އެމްޑިޕީގެ ވެރިކަމުގައި ރައްޔިތުންނަށް ހައްގުތައްދީ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކުރެއްވި ކަމަށް އޭރުގެ ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެފައިވާ ވުމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.

Advertisement

މި ސަރުކާރުން މިއަދު ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ކުރީގެ ނައިބު ފައިސަލް ވިދާޅުވެފައިވާވުމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފައިސަލްމެން ވާހަކަ ދައްކަވަން ވާނީ ރައްދު ދެވޭވަރުގެ މީހުން ކައިރީގައި ކަމަށެވެ.

އެގޮތުން އެމްޑީޕީއިން ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ދިން ކަމަށާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކުރި ކަމަށް ފައިސަލް ވިދާޅުވިއިރު އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީސް ދޮރުމަތީ ބެރިކޭޑު ޖަހާ ޕާޓީ އޮފީހުން ބޭރަށް ނުނިކުމެވޭހެން އޮފީސް ވަށާ ސިފައިން ބައިތިއްބާ އަދި އިންޑިއާ އައުޓު ކެމްޕެއިންގައި ގޭގޭގައި ހަރުކުރި ބޭނަރތައް ވެސް ކަނޑައިގެން ގެންދިއުން ފަދަ ޖަރީމާތައް ހިންގާފައި ހުރިކަން ރައީސް ޔާމީން ހަނދާން ގެންނަވާފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީގެ ވާހަކަ ފައިސަލް ދައްކަވަން ބޭނުންނަމަ ޕީއެންއެފްގެ ބޭފުޅަކާ އެކު ޕްރޮގްރާމަކަށް ދައުވަތު އަރުވާ ކަމަށާ މުޅި އޯޑިއެންސްގައި އެމްޑީޕީގެ ބައިވެރިން ތިބި ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވަނީ ފައިސަލް ނަސީމްމެންނަށް ޕީއެންއެފްގެ ޕޯޑިއަމްއިން ޖަވާބުދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް އިސްކަން ދިނުމުގެ ބަދަލުގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ރައްޔިތުންނަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved