

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކައުންޓަރު ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ އެޕާޓްމަންޓްތައް ބަލައި ފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް މީޓަރުގެ ހަ ފުޅިއާއި، 500 އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29،000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް، ސައްބިރް ހޮސައިން 33އ، އާއި، ބަންގްލަދޭޝް، މުހައްމަދު ބަދަލް 52އ. އިންޑިއާ، ރާޖު ދަސް 20އ. އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.