ޔޫރަޕްގެ ސިފައިން ޔޫކްރޭނަށް ފޮނުވުމަށް ވަކާލާތުކޮށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މިކަމަށް ފާޅުގައި މަޝްވަރާ ކުރައްވައިފި އެވެ.
ހުޅަނގުގެ ޑިމޮކްރަސީތަކުން ޔޫކްރޭނަށް ސިފައިން ފޮނުވުމުގެ ފުރުސަތު ދުރު، ނަމަވެސް، ޔޫކްރޭނަށް ތާއީދުކޮށް ބޭއްވި ސަމިޓަކަށް ފަހު މެކްރޮން ދެއްކެވި ވާހަކަތަކުގެ ސަބަބުން ރަޝިޔާގެ ފަރާތުން އައި ރައްދުތަކާ، އިތުރު ފިއްތުންތަކާ ހެދި ޔޫރަޕްގެ ލީޑަރުން މެކްރޮންގެ ވާހަކަތަކާ ދުރަށް ޖެހުނެވެ. ނޭޓޯގެ އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވީ ޔޫކްރޭނުގައި ހަނގުރާމަވެރި ސިފައިން ބެހެއްޓުމުގެ "އެއްވެސް ޕްލޭނެއް" އެ އިއްތިހާދުން ނެތް ކަމަށެވެ.
ހޯމަ ދުވަހު ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް ވިދާޅުވީ އެ މައުޟޫއާ ގުޅޭ ގޮތުން ރަނގަޅު ބަހުސާއި ތަފްސީލީ މަޝްވަރާއެއް ކުރިއަށް ދިޔަ ނަމަވެސް ސަމިޓްގެ ބައިވެރިންގެ ޚިޔާލުގައި ސިފައިން ބެހެއްޓުމާ ދެކޮޅަށް "އިއްތިފާގު" ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޮން ވިދާޅުވީ އޭނާ އާއި ހާޒިރުވި ޔޫރަޕްގެ އަނެއް 21 ލީޑަރުން އަސްކަރީ ސިފައިން ބެހެއްޓުމާ މެދު އެއްބަސް ނުވި ނަމަވެސް އެ ޕްރޮސްޕެކްޓާ ބެހޭ ގޮތުން ފާޅުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
"އެއްވެސް ކަމެއް ބާތިލްކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. “މި ހަނގުރާމަ ރަޝިޔާއަށް ކާމިޔާބު ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.”
ނަމަވެސް މިކަމާ ދެކޮޅަށް ޔޫރަޕްގެ ގައުމުތައް ވަނީ ބަސް ބުނެފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޕޮލެންޑް، ސްޕެއިން އަދި އިޓަލީ އަދި ރަޝިޔާއަށް ތާއީދުކުރާ ދެ ގައުމު ކަމަށްވާ ހަންގޭރީ އާއި ސްލޮވާކިއާގެ އޮފިޝަލުން ހިމެނެ އެވެ.
"އަޅުގަނޑުމެންގެ މެދުގައި އަދި އެކަކު އަނެކަކާ އެކު އެންމެ ކުރީއްސުރެ އެއްބަސްވި ކަންތައް މުސްތަގުބަލަށް ވެސް ތަންދޭ، އެއީ ޔޫރަޕްގެ ގައުމުތަކުން ނުވަތަ ނޭޓޯގެ ގައުމުތަކުން ޔޫކްރޭންގެ ބިމުގައި ސިފައިން ނުތިބޭނެ،" ޝޮލްޒް ވިދާޅުވި އެވެ.
ނަމަވެސް މެކްރޮން ވަނީ ޔޫކްރޭނަށް މެދު ރާސްތާއާއި ދުރު ރާސްތާގެ މިސައިލް ފޯރުކޮށްދިނުމަށް އާ ކޯލިޝަނެއް އުފައްދާނެކަން އިއުލާންކޮށްފައެވެ.
"އަހަރެމެން މިތިބީ މި ކޯޅުމުގެ މުހިންމު ދަނޑިވަޅެއްގައި ކަމުން އަހަރެމެން އިސްނަގަން ޖެހޭ،" މެކްރޮން ވިދާޅުވި އެވެ.