
ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، ސަމާހަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލް ޝައިޚް މިއަދު އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
82 އަހަރުގައި ޝެއިޚް ޢަބްދުލްޢަޒީޒް މިއަދު އަވަހާރަވިއިރު، މިއަދަކީ ސައޫދީ އަރަބިއްޔާގެ 32 ވަނަ ޤައުމީ ދުވަހެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޝައިޚު ޢަބްދުލްޢަޒީޒުގެ މައްޗަށް މިރޭ އިޝާ ނަމާދު ފަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބުގައި ކަށު ނަމާދުކުރަން ނިންމާފައިވާކަމަށެވެ.
ޝެއިޚް ޢަބްދުލްޢަޒީޒަކީ އިސްލާމްދީނަށް ވަރަށް ބޮޑަށް ޚިދުމަތްކުރެއްވި ޢިލްމުވެރިއެކެވެ. އަދި އެ މަނިކުފާނުވަނީ އެތައް އަހަރެއް ވަންދެން އަރަފާތު ބިމުގައި ޙައްޖު ޚުތުބާވެސް ދެއްވާފައެވެ.
މީގެއިތުރުން، ޝައިޚް ޢަބްދުލްޢަޒީޒް ވަނީ ޖެނެރަލް ޕްރެޒިޑެންސީ އިސްލާމިކް ރިސާޗް އެންޑް އިފްޓާގެ ޗެއާމަންކަން ފުރުއްވާފައެވެ. އެ މަޤާމުގައި އެ މަނިކުފާނު ހުންނެވީ މިނިސްޓަރުކަމުގެ ފެންވަރުގައެވެ.
ހަމައެއާއެކު، ކުޑައިރު ޔަތީމު ޙާލުގައި އުޅުއްވަމުންވެސް ޤުރުއާން ހިތުދަސްކުރައްވާފައިވާ ޝެއިޚް ޢަބްދުލްޢަޒީޒަކީ ޒުވާން ޢުމުރުފުޅުގައި ލޮލުގެ ފެނުން ގެއްލުނު ނަމަވެސް، ތަޢުލީމް ޙާސިލްކުރެއްވުމަށާއި ދީނަށް ޚިދުމަތް ކުރެއްވުން ކުރިއަށް ގެންދެވި ބޭފުޅެކެވެ.










