ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރި ދުވަހު، ނޫސްވެރިން މަޖިލިސް އިދާރާ ކުރިމަތީ ކުރި އިހްތިޖާޖުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ބަލަން ފަށައިފި އެވެ.
މިދިޔަ ހަފްތާގައި ދައުރުން ބޭރުން މީޑިއާ ކޮންޓްރޯލް ބިލު ފާސް ކުރަން ބޭއްވި ޖަލްސާއާ ދެކޮޅަށް ނޫސްވެރިންނާއި އާންމުން ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ދީ، ނޫސްވެރިން މުޒަހަރާ ކަވަރު ކުރުމަށް ވެސް ހުރަސް އަޅައިފައެވެ.
މި މުޒާހަރާއަށް ހަފްތާއެއް ފަހުން އެންއައިސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މައްސަލަ ބަލަމުންދާ ކަމަށެވެ.
އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބެލުމަށް ކޮމިޝަނުން ނިންމާފައިވެ އެވެ
އެ ޕޯސްޓުގައި ހަވަލާދީފައިވާ މާއްދާގައި ފާހަގަކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ހާލަތުގައި އެ މައްސަލަ ބެލުމަކީ އާންމުވެގެންވާ މަސްލަހަތެއް އޮތް ކަމެއް ކަމުގައިވާ ނަމަ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
އެންއައިސީއިން މި މައްސަލަ ބަލަން ފަށާފައިވާއިރު، ފުލުހުން ވަނީ އެ ދުވަހު އިހުތިޖާޖު ރޫޅާލި ގޮތް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ފުލުހުން ބުނި ގޮތުގައި، އިހްތިޖާޖު ރޫޅާލުމުގައި ބޭނުންކޮށްފައި ވަނީ އެންމެ ކުޑަ ބާރު ކަމަށެވެ.
ފުލުހުން އެހެން ބުނި ނަމަވެސް ބައެއް ފުލުހުން އެ ދުވަހު އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އެ ތަނުގައި ހަރަކާތްތެރިވި ނޫސްވެރިން ބުނެ އެވެ. މުޒަހަރާ ތެރެއިން ބިޑި އަޅުވައިގެން ދެ މީހަކު ފުލުހުން ހައްޔަރު ކުރި އެވެ