

އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހު މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުށްކުރާ ގްރޫޕުތައް ނެރެގެން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ހިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ.
އެކަމަކު، އެމްޑީޕީން އިސްވެ ހުކުރު ދުވަހު ބާއްވަން ރާވާފައިވާ އެއްވުމުގެ ތެރެއިން މާލެ ހަލަބޮލިކުރަން އުޅޭ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އެ މުއައްސަސާގެ ބަޔާނުގައި ބުނީ، އެ ފަދައިން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އަދި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން އިލްތިމާސް ކުރެއްވިއެވެ
އެމްޑީޕީން އޮކްޓޯބަރު 3 ގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔުމަށް ގަރާރެއް ހުށަހަޅާ ފާސްކޮށްފައިވެއެވެ.