

ޓެކްސް އެޕީލް ޓްރައިބުނަލްއަށް އައްޔަން ކުރަން މަޖިލީހުގެ ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ޓްރައިބިއުނަލްގެ މެންބަރުންގެ ތެރެއިން ހުސްވާން ކައިރިވެފައިވާ ދެ މަގާމަށް މަހާޒު ހިމެނޭހެން ހަތް ބޭފުޅެއްގެ ނަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވާފަ އެވެ. މުއިއްޒުު އިސްކަން ދެއްވާ ތަރުތީބުގެ އެންމެ ކުރީގައި އޮތީ ވެސް މަހާޒުގެ ނަމެވެ.
މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެންމެ މަތިން މާކްސްދީ، މަހާޒު އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް އިއްޔެ ވަނީ ނިންމާފަ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓާ އެއްގޮތަށް އެންމެ ފުރަތަމަ ވޯޓަށް އެހީ ވެސް މަހާޒުގެ ނަމަށެވެ. އެގޮތުން މަހާޒު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް 41 މެންބަރަކު ވޯޓު ދެއްވި؛ އެ އެންމެންނަކީ ވެސް ޕީއެންސީގެ މެންބަރުންނެވެ. އެގޮތުން ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
މި ވޯޓުގައި އެމްޑީޕީގެ ގިނަ މެންބަރުން ބައިވެރިވެފައި ނުވެއެވެ.
ސަރުކާރުގެ ނުފޫޒު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަހާޒު ހިމެނޭހެން ދެ ފަނޑިޔާރަކު ވަކިކުރަން ނިންމީ މިދިޔަ މެއި މަހު ކުރީކޮޅު އެވެ.