ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުގައި ސަރުކާރާއި އިދިކޮޅަށް ވަކާލާތު ކުރަމުން އަންނަ އައިޝަތު ޝިމަންގެ ފޯނު ފުލުހުން ނަގައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ޝިމަންގެ ފޯނު ގެންދިޔައީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ދަންވަރު 12 ޖެހިއިރުކަމަށް މައުލޫމާތު ލިބެއެވެ.
ޝިމަންގެ ގާނޫނީ ވަކީލު ބުނީ ފުލުހުން ހިއްސާކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ ފޯނު ހިފެހެއްޓީ ސޯޝަލް މީޑިއާގައި މުއިއްޒު އަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން ދެއްކި ކޯޓު އަމުރުގައި ބުނެފައިވަނީ ޝިމަން ހިންގާ އެކައުންޓަކުން މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ. މިއީ ސީދާ ކޮން ޕޯސްޓެއް ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ޝިމަންގެ މައްޗަށް ކޯޓުން ދެ އަމުރެއް ނެރެފައިވާއިރު، ދެވަނަ އަމުރުގައި ބުނެފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑު ހިއްސާ ކުރުމަށާއި އެޕްތަކަށް އެކްސެސް ވެވޭނެ ގޮތް ހަދައިދޭން ޖެހޭނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކާއި ގުޅިގެން ޝިމަން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.
މީގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހަވީރު އެމްޑީޕީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ޒާޔާގެ ފޯނުވެސް ސޯޝަލް މީޑިއާ ގައި ފުލުހުންނަށް ނިސްބަތްވާ ގޮތައް އެއްޗެއް ޕޯސްޓް ކުރި ކަމުގެ ތުހުމަތުގައި ވަނީ އަތުލައިގަނެފައެވެ.