March 10, 2026
Advertisement
...
... / ސޯޝަލް މީޑިއާ

ހަމާސް އިން ސަހްޔޫނީންގެ އަސީރުން މިނިވަން ކުރަން ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:20 PM

ހަމާސް ޖަމާއަތުން މީގެ ދެ އަހަރު ކުރިން އިޒްރޭލަށް ދިން ހަމަލާގެ ތެރޭގައި އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މިހާރު ބާކީ ތިބި 20 މީހުން މިއަދު މިނިވަންކުރަން ފަށައިފި އެވެ.

Advertisement

މީގެ ތެރެއިން ބައެއް މީހުން މީގެ ކުރިން މިނިވަންކޮށްފައިވާއިރު ހަމާސް އާއި އިޒްރޭލުން މިފަހަރުވީ އެއްބަސްވުމުގެ ދަށުން، މިހާރު ބާކީ ތިބި ހުރިހާ އަސީރުން އެއްފަހަރާ މިނިވަންކުރުން ހިމެނެ އެވެ.

ރެޑް ކްރޮސްގެ ބެލުމުގެ ދަށުން މި އެންމެން މިނިވަންކުރަން ނިންމާފައިވާއިރު އެންމެ ފުރަތަމަ ހަމާސް އިން ހަވާލުކުރީ ހަތް މީހަކު ކަމަށް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.

އަސީރުން މިނިވަންކުރުމުގެ ކުރިން ހަމާސްގެ ހަތިޔާރު އެޅި ގޮފި ގައްސާމް ބްރިގޭޑްސް އިން ވަނީ މިނިވަންކުރާ 20 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އިޒްރޭލުން ބުނެފައިވާ ގޮތުގައި، މި ލިސްޓާ ކުރިން ހަމާސް އިން އިޒްރޭލާ ހިއްސާކުރި ލިސްޓާ ދިމާވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރާއި 48 އަހަރާ ދެމެދުގެ މީހުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގައިވާ ގޮތުން، މިހާތަނަށް މިނިވަން ނުވެ ތިބި ކަމަށް ބެލެވޭ 48 ރަހީނުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި ކަމަށް ބެލެވޭ 20 މީހުން، ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ މިނިވަންކުރަން ޖެހެ އެވެ. އަދި އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރަން ޖެހެ އެވެ.

މި އަސީރުންގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރާނެ އެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ގާޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved