March 13, 2026
Advertisement
ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ ރައީސް މުއިއްޒާއެކު
ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ ރައީސް މުއިއްޒާއެކު / ރައީސް އޮފިސް

ފޮނި ކަނޑާފައި ސައީދު ހުޅުވި ޑީބީއެމްގެ ޚިދުމަތް، މުއްދަތު ހަމަވިއިރުވެސް ނުފެށޭ!

Oct 13, 2025, 09:55 PM
މާލެ ސިޓީ

ފޮނި ކަނޑާފައި މިނިސްޓަރު މުހައްމަދު ސައީދުގެ މޭސްތިރިކަމުގެ ދަށުން ހުޅުވި ޑިވެލޮޕްމަންޓު ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޚިދުމަތް، މުއްދަތު ހަމަވިއިރުވެސް ނުފެށޭކަން ހާމަވެއްޖެއެވެ.

Advertisement

ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި ކަމަށްބުނެ މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ބޭންކެކެވެ.

އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށް ފަހު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ދުވަހު ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރި ނަމަވެސް އެއް އަހަރު އޭގެ ފަހުން ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ބޭންކުގެ ޚިދުމަތް ދެވެން ފެށިފައި ސަރުކާރަށް ނުވެއެވެ.

ބޭންކުގެ ޚިދުމަތް ނުފެށި އުޅެނިކޮށް މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު، އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީއެވެ.

ތަނުގެ ޚިދުމަތް ނުދިން ނަމަވެސް ތަނަށް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަމުން ގެންދެއެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހުގެ، ނިޔަލަށް ސަރުކާރުން 6،566،338ރ. އެ ތަނަށް ހަރަދުކޮށްފައިވެއެވެ.

ނަމަވެސް އޮފީސް ހިންގާ އިމާރާތަށް މިދިޔަ މެއި މަހާ ހަމައަށް އެއްވެސް މަހެއްގެ ކުލި ދައްކާފައި ނުވެއެވެ. ޑީބީއެމްގެ އޮފީސް ހިންގުމަށް އެލައިޑް ބިލްޑިންގެ ޖާގައެއް އެސްޓީއޯއިން އެ ބޭންކަށް ކުއްޔަށް ދީފައި ހުންނަނީ މަހަކު 75،892ރ. އަށެވެ.

ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved