

އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދަކީ މަގާމުގެ ދިފާއުގައި ހަނދަށް ކުޅު ޖަހަން މަސައްކަތްކުރާ ބޭފުޅެއް ކަމަށް ވިދާޅުވެ ރާއްޖޭގެ ކުރީ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސައީދަށް ފާޑުވިދާވެއްޖެއެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބަންކަރިންއާ ގުޅޭ ގޮތުން މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ސައީދު އުޒުރު ދައްކަވާ އަދި އެކަމުގެ މައުލޫމާތު އެސްޓީއޯއިން ހޯދުމަށް ބުނެފައިވާ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ބަންކަރިންގެ ފައިދާ އެހާ ބާރަށް ދެއްކެވީ އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވަޒީރު ޔަގީންކަންދީގެން ކަމަށެވެ. ނަމަވެސް އެއީ ސީދާ ޚިޔާލީ މެގަ ޕްރޮޖެކްޓެއްކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ ޚަރަދު ކަނޑާ، 1000 ޑޮލަރު ލިބޭނަމަ އުފާކުރަން ޖެހޭކަމަށް ފަހުން ވަޒީރު ވިދާޅުވި ކަމަށެވެ. ނަމަވެސް ބޮޑު އަގު ދީފައި ގެނައި އެ ބޯޓު މިހާރު ބާދަގަނޑަށް ވެއްޖެކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.
އިގްތިސޯދު ރަގަޅު ކުރަން ދެން މި ސަރުކާރުން ދެއްކީ ޑިވެލޮޕްމަންޓް ބޭންކުގެ ވާހަކަކަން ހަނދާނަށް ގެންނަވާ ޑރ ޖަމީލު ވިދާޅުވީ އެތަން އަށަނުގަނެ، ވުޖޫދުނުވެ އެބޯޓްވެއްޖެ ކަމަށެވެ. ހަމަ އެއުސޫލުން އިގްތިސޯދު ރަގަޅަށް ދައުރުކޮށް ހިންގުމަށް ޕޭޕަލްގެ ވާހަކަވެސް ސަކާރުން ދެއްކިކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ މިހާރު އެއީ ނުދައްކާ ވާހަކައަކަށްވެސް ވެއްޖެ ކަމަށެވެ.
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވަޒީރު ޔަގީންކަންދީގެން @MMuizzu ބަންކަރިންގެ ފައިދާ އެހާ ބާރަށް ދެއްކެވީ. އެއީ ސީދާ ޚިޔާލީ މެގަޕްރޮޖެކްޓެއް.
— Mohamed Jameel Ahmed (@MJameelAhmed) April 21, 2025
ފަހުން ވަޒީރު ވިދާޅުވީ ޚަރަދު ކަނޑާ، 1000 ޑޮލަރު ލިބޭނަމަ އުފާކުރަން ޖެހޭކަމަށް. އެގެނައި ބޯޓް ބާދަގަނޑަށް ވެއްޖެ.
ދެން އޮތީ… https://t.co/gF147OpVse
އެހެންކަމުން ރައީސަށް ނަނާ ހުވަފެން ދައްކާ، ގުނބޯ ހައްދާ ވަޒީރުންނަކީ ނުހަނު ވިޔާނުދާ ބައެއްގެ ގޮތުގައި ސިފަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ވަޒީރު ބަންކަރިންއާ ބެހޭގޮތުން މިއަދުވެސް ހެއްދެވީ ރޯބުހުތާނު ދޮގު ކަމަށެވެ.
ސައީދަކީ ވަޒީފާގެ ދިފާޢުގައި ހަނދަށް ކުޅުޖަހަން މަސައްކަތް ކުރާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ޑރ ޖަމީލުގެ ޕޯސްޓުގައި ވިދާޅުވީ ވަޒީރު ސައީދު ގެންދަވަނީ އެތަނުން ވާހަކައެއް މިތަނުން ވާހަކައެއް ދައްކަވާ ހުރިހާކަމެއް އެނގޭކަމަށް ހެދިގެން ވެރިން ވާވައްދަމުން ކަމަށެވެ. ޑރ ޖަމީލު ވިދާޅުވީ އެހެން އުޅެން ހަދައިގެން އެއްކަމެއް ކުރަން ނޭގުމުގެ ނުރައްކާ ބޮޑު ކަމަށެވެ.