
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި އުޅެނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ޑީބީއެމްގެ ސީއީއޯ އަދި އެމްޑީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން އޭނާ ވަނީ ކޮށްފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް ޕީސީބީއިން ހާމަކޮށްފައިނުވެއެވެ.
މަގާމަށް ނޮއެލް އައްޔަންކުރީ އޮގަސްޓު 2024 ގެ ތެރޭގަ އެވެ. އޭގެ ފަހުން 6 މަސް ދުވަސް ފާއިތުވެފައިވާއިރު، މިހާތަނަށް އެ ބޭންކުން ހިދުމަތެއް ދީ އެއްވެސް ލޯނެއް ދޫކޮށްފައެއް ނުވެއެވެ.
ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހުއެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ނޮވެމްބަރު 16، ގައި ޑީބީއެމްގެ އޮފީހެއް މާލެގައި ހުޅުވި ނަމަވެސް އެ އޮފީސް އޮޕަރޭޝަންސްއަށް އައުން ލަސްވުމާ ގުޅިގެން އަމާޒުވާން ފެށި ފާޑުކިޔުމަށް ރައްދު ދެއްވާ އިކޮނޮމިކު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު ބޭންކުގެ އޮފީސް ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަކަށް ނޫން ކަމަށެވެ.
ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުން ނަމަ މި ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގައި މިހާރަށްވުރެ މާލުއި ގޮތްތަކެއް ފަހިވެގެން ދާނެއެވެ.










