February 23, 2026
Advertisement
ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ ރައީސް މުއިއްޒާއެކު
ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ ރައީސް މުއިއްޒާއެކު / ރައީސް އޮފިސް

ބޭންކުގެ ހިދުމަތް އަދި ނުވެސް ފެށޭ އެކަމަކު 6.5 މިލިއަން ރުފިޔާ ހޭދަކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 20, 2025, 12:06 AM
މާލެ ސިޓީ

އަދި އެއްވެސް ހިދުމަތް ދޭން ނުފެށި ނަމަވެސް ޑިވެލޮޕްމެންޓް ބޭންކަށް މާޗު މަހުގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފިކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލު އަޙުމަދު މައުރޫފް, ހުށަހެޅި އާރުޓީއައިއަކަށް ފިނޭންސް މިނިސްޓްރީން ދިން ޖަވާބުންނެވެ. އެގޮތުން އެ ބޭންކް އުފައްދަން ފެށީއްސުރެ، މިދިޔަ މާޗް މަހުގެ 25 ގެ ނިޔަލަށް, އެކަމާ ގުޅޭއެކިއެކި ކަންކަމަށް ފިނޭންސް މިނިސްޓްރީން 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަމަށް ފިނޭންސުން ހާމަކޮށްފައިވެއެވެ. ނަމަވެސް ހަރަދުތައް ކުރިގޮތުގެ ތަފްސީލެއް ފިނޭންސްއިން ހާމަ ކޮށްފައެއް ނުވެއެވެ.

މިދިޔަ މާޗު 25، ގެ ނިޔަލަށް 6،566،338ރ. 20ލ. ޑީބީއެމްއަށް ހަރަދުކޮށްފައިވާއިރު، އެއީ ކޮން ކަންކަމަކަށް ހަރަދު ކޮށްފައިވާ ފައިސާކަން ޖަވާބުގައި ބަޔާން ކޮށްފައިވެއެވެ. ތަފްސީލުގެ ގޮތުގައި ހާމަކޮށްފައިވަނީ،

  • ޑީބީއެމްގެ ބްރޭންޑިން
  • ލައިސެންސް ފީ
  • ބޭންކު ހުޅުވުމަށް ކުރި ހަރަދު
  • އޮފީސް އިމާރާތަށް ކުރި ހަރަދު
  • ކުލީގެ ގޮތުގައި ކުރި ހަރަދު
  • މުސާރައަށް ކުރި ހަރަދު
  • ދަތުރުފަތުރުގެ ހަރަދު
  • ކޮންސަލްޓެންސީ އަދި ޕްރޮފެޝަނަލް ހިދުމަތުގެ ހަރަދު އެވެ.

ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ. އަދި ކަން އެހެން އޮއްވާ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާވެސް ދީފައެވެ. ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް އިސްތިއުފާ ދެއްވައިފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތް ނުފެށި ލަސްވާތީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެ ބޭންކްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved