

ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ނިމުމެއް ގެނައުމުގެ އެއްބަސްވުމަށް އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން ހަވާލުވެ ގަރާރެއްގައި ސޮއިކޮށްފި އެވެ.
މި ގަރާރުގައި ގަވައިދުތަކާއި އުސޫލުތަކާއި އަދިވެސް އެތައް ކަމެއް ހިމެނޭ ކަމަށް މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިއަށްދާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި މި ގަރާރުގައި ސޮއިކުރެއްވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.
ސޮއިކުރެއްވުމުގެ ކުރިން އޭނާ ވަނީ ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ދެމި އޮންނާނެ ކަމަށް ދެ ފަހަރު ވިދާޅުވެފަ އެވެ.
ޓްރަމްޕު އިތުރަށް ވިދާޅުވީ ގައުމުތައް ގުޅިގެން ކުރި މަސައްކަތުން މިއަދު މި ވަނީ "މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވިފައި" ކަމަށެވެ. އަދި މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕާ އެކު މި ސަމިޓު އިންތިޒާމުކުރެއްވި މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވީ ސުލްހައިގެ މި އެއްބަސްވުމުގެ ދަށުން މުޅި މެދުއިރުމައްޗަށް މުޅިން އާ ޒަމާނެއް ފެށުނީ ކަމަށެވެ.
ޣައްޒާގައި ދިން ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދަށުން ހަމާސް އާއި ސަހްޔޫނީން ވަނީ އެއްބަސްވުމުގެ ފުރަތަމަ ކަންތައް ކަމަށްވާ ސަހްޔޫނީންގެ އަސީރުން މިނިވަންކުރުމާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގެ މަސައްކަތް ފުރިހަމަކޮށްފަ އެވެ.