
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާއަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
މީގެ ކުރިންވެސް ސައުދީއާ މެދު މިފަދަ ހަރުކަށި ސިފައެއްގައި ވާހަކަދައްކަވާފައިވާ ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ހިމާޔަތާއި އެހީތެރިކަން ނެތްނަމަ، ސައުދީ ސަރުކާރަށް ދެ ހަފުތާގެ މުއްދަތަށްވެސް ދެމިއޮތުމަކީ ނާދިރު ކަމެއް ކަމަށެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާއިން ދޭ ސެކިއުރިޓީ ސަޕޯޓަށް ނުވަތަ ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާއިން "އަގެއް ދައްކަން" ޖެހޭނެ ކަމަށް ބާރުއަޅުއްވަމުންނެވެ. އޭނާގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ މެދުއިރުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ ބޮޑު ހިއްސާއެއް އޮތްއިރު، އެ ގައުމުތަކުން އެކަމުގެ ބަދަލު މާލީ ގޮތުން ދޭންޖެހޭނެ ކަމަށެވެ.
ސައުދީން ދޭން ޖެހޭ ބަދަލަކީ މިހާރު މެދުއިރުމަތީގައި އިރާނާއި ދެކޮޅަށް އެމެރިކާއާ އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އިރާނާއި ދެކޮޅުވުން ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
މި އިންޒާރަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ މުޚާތަބު ކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަފުޅެކެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިންނާއި ޒަމާނީ ހަތިޔާރުގެ އެހީތެރިކަން ނެތިއްޖެނަމަ ސައުދީގެ މިހާރުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.
ސައުދީ އަރަބިއްޔާއަކީ އެމެރިކާގެ ގާތް ބައިވެރިއަކަށް ވީނަމަވެސް، މިފަދަ ހަރުކަށި ބަސްމަގަކުން ޓްރަމްޕް ވާހަކަދެއްކެވުމުން ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ބަހުސްތަކެއް ކުރެވިގެންދާނެ ކަމާއި މެދު ސުވާލުތައް އަންނަނީ އުފެދެމުންނެވެ.










