
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން، ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގެންފައިވާ ހަބަރަކީ މިއަދު އައު ހަބަރެއް ނޫނެވެ. ސާޖިއޯ މި މަހުގެ 19 އިން 24 އަށް ސްރީލަންކާ އާއި ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖޭގައި ހުންނަވަނިކޮށް، ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އިގްތިސާދާއި އުމްރާނީ ތަރައްގީއަށް އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށާއި މިއީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް 60 އަހަރުވީ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އެމެރިކާއިން ބުނެއެވެ.
ނަމަވެސް، މި ދަތުރުފުޅާ ގުޅިގެން ރާއްޖޭގެ އާންމުންގެ މެދުގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އުފެދިފައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކުގެ ފަހަތުގައި އޮތީ އެމެރިކާއެވެ. އިސްލާމީ ގައުމުތަކުގައި ކުށެއް ނެތް މުސްލިމުން ގަތުލުކުރުމަށް އެމެރިކާއިން ވާގިވެރިވާ ކަމަށް ބުނެ، އެފަދަ ބަޔަކާއެކު ދިވެހި ސަރުކާރުން ގުޅުން ބަދަހިކުރަން އުޅޭތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު، މުސްލިމުންގެ ލޭ އޮހޮރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ގައުމަކަށް ރާއްޖެއިން މަރުހަބާ ކިޔުމަކީ ގިނަ ބަޔަކު ބަލައިގަންނަ ކަމެއް ނޫނެވެ.
މީގެ އިތުރުން، އެމެރިކާ ފަދަ ބޮޑެތި ބާރުތަކުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވުމުގެ ނަމުގައި އަންނަނީ އަމިއްލަ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރާ މީހުން ބުނާ ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އެއްބާރުލުންދޭ ގައުމަކާއެކު ސަލާމަތީ ގުޅުންތައް ބަދަހިކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ދީނީ ވަހުދަތަށް އޮތް ނުރައްކަލެކެވެ. މި ދަތުރުފުޅަކީ އެމެރިކާގެ ނުފޫޒު މި ސަރަހައްދުގައި ގަދަފަދަކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ސިފަކުރެއެވެ.










