

ބާޒާރުމަތީ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން އެ ތަނަށް ވަދެ، ސިގިރޭޓްތަކެއް ވަގަށް ނެގި މީހަކު ޖޫރިމަނާކޮށް އަދަބު ދީފިއެވެ.
2021 ވަނަ އަހަރުގެ ކުރީކޮޅު، ބާޒާރުމަތީގައި ހުންނަ ގޮވެލި ނަމަކަށް ކިޔާ ފިހާރައެއް ފަޅާލައި ސިގިރޭޓްތަކެއް ވަގަށް ނަގާފައިވަނީ ރ.ރަސްގަތީމު ރަސްރީތި، އިބްރާހީމް ސަފްވާންއެވެ.
މީނާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. ސަފްވާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއަކާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެކެވެ.
މި ދެ މައްސަލައިގައި ވެސް ސަފްވާންވަނީ ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެ، ސަފްވާން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން، ވައްކަމުގެ ކުށަށް އިއްވި، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ވަނީ، ހަތަރު ދުވަހަށް ގޭ ބަންދު ކުރުމާ އެކު، 28،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
އަދި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ސަފްވާންގެ މައްޗަށް އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އެ ހުކުމްވަނީ 3600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
އެހެންކަމުން އޭނާއަށް އެންމެ ފަހުން އިއްވާފައިވާ އަދަބަކީ ހަތަރު ދުވަހަށް ގޭ ބަންދުކުރުމާ އެކު 32،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
ސަފްވާން ވަނީ ކެމަލް ހާޑް ބްރޭންޑްގެ 30 ކާޓޫނާއި، ކެމަލް ލައިޓް ބްރޭންޑްގެ ދެ ކާޓޫނާއި، އަދި އިތުރު އަށް ސިގިރޭޓް ފޮށި ވަގަށް ނަގައިފައެވެ.
މިއާއިއެކު 13 މިލިއަން ސިގިރޭޓް "ގެއްލުނު" މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ތިބި ތުހުމަތްވާ ބޭފުޅުންގެ އަދަބު އަންނާނީ ކިހިނެތްތޯ ރައްޔިތުން ވަނީ ސުވާލުއުފެދިފައެވެ.