މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމާ، ތިން ދުވަސް ފަހުން ހެޔޮ ހާލުގައި ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.
ޕޫރްނީމާ ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމުގެ މައުލޫމާތު ފުލުހުން ވަނީ ދީފައެވެ.
ޕޫރްނީމާ ގެއްލުނު ކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، އޭނާގެ ޚަބަރެއް ނުވެ ގެއްލިފައިވަނީ އޭގެ ތިން ދުވަސް ކުރިން، މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 2:00 އެހާކަންހާއިރު ކަމަށް ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ފަށައި، ކަމާގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ޕޫރްނީމާ ފެނިފައިވާއިރު، މާލެ ސަރަހައްދުން މިފަދައިން މީހުން ގެއްލިގެން ރިޕޯޓުކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ.