ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް ފިލަން ބޭނުންކުރި ލޯންޗު ފުލުހުން މިއަދު ހޯދައިފިއެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ.
އެއާޕޯޓުން ފޭރިގަތް ދަބަހުގައި 130،000 އާ ގާތްކުރާ އަދަދަކަށް ޑޮލަރު ހުރި ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ފުލުހުން އަދި ރަސްމީކޮށް ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ނުބުނެއެވެ. އަދި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމުކޮށްފައިނުވެއެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.