ރައްޔިތުންނާ އެކު މިއަދު ހުރީ ކާކުތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ސުވާލު އަމާޒުކުރައްވައިފިއެވެ.
މަލީހް މިގޮތައް ސުވާލު އުފައްދާފައިވަނީ އޭނާގެ އެކްސް ހޭންޑަލްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓްގައި މަލީހް ވިދާޅުވީ ފަނޑިޔާރުން ތިއްބަވަނީ އޭރަކު އޮންނަ ސަރުކާރަކާއި އެކުކަމަށެވެ. އޭގެ ސަބަބުން އިންސާފު ނުލިބި އެތައް ފަރާތެއް ތިއްބަވާކަން ވެސް މަލީހްގެ އެ ވާހަކައިން ވަނީ ދޭހަވެފައެވެ.
މައްސަލަތައް ބަލައި ރައްޔިތުން ހިމާޔަތްކުރަން ތިބެނީ ފުލުހުންނެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާވެސް އޮންނަނީ ސަރުކާރުގެ ދަށުވެފައިކަމަށް މަލީހް ވަނީ ޕޯސްްޓްގައި ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ދިފާއީ ބާރުން ވެސް ޒިންމާތައް އަދާކުރުމުގައި އޯޑަރު ނަންގަވަނީ ސަރުކާރުގެ ކަމަށްވެސް މަލީހް ވިދާޅުވެފައިވެއެވެ.
އެހެން މުއައްސަސާތަކުގެ ވާހަކަތައް ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ ގާނޫނު ހަދާ އަދި ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިއްބަވާ މަޖިލިސް މެމްބަރުން ވެސް ތިއްބަވަނީ އޭރަކު އޮންނަ ސަރުކާރަކާއި އެކުގައި ކަމަށެވެ.
އިންސާނީ ހައްގުތަކާއި ބެހޭގޮތުން އެެންމެ ބޮޑަށް ވަކާލާތު ކުރާ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ވެސް އޮންނަނީ ސަރުކާރާ އެއްކޮޅަށް ކަމަށް މަލީހްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.
މިހުރިހާ ވާހަކަތައް ފާހަގަކޮށް މަލީހް ވަނީ ރައްޔިތުންނާއެކު ތިއްބަވާނީ ކާކުތޯ އައްސަވާފައެވެ.
ފެނިގެންދަނީ ރައްޔިތުންގެ ވޯޓުން ވެރިކަން ހޯދެއްވި ބޭފުޅުން ވެރިކަމަށް އައުމަށްފަހު ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުންގެ ކަންކަމުގައި ބޭއިންސާފުވާ މަންޒަރުކަންވެސް ފާހަގަކޮށްލެވެއެވެ.