
އެކި ކަންކަމުގެ ސްމަގްލް ކުރަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ، ވޭޕްގެ ޝިޕްމަންޓެއް އަތުލައިގެންފި ކަމާ އެއީ މިހާތަނަށް އެތެރެ ކުރަން އުޅުނު އެންމެ ބޮޑު ޝިޕްމަންޓުކަމަށް ބުނެ ނޫހެއްގައި އޮތް ސުރުހީއެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، އެފަދަ ކުށްތަކަށް ރައްޔިތުން އަރައިގަންނަނީ، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާ ވޭޕް ބޭން ކުރާ ގާނޫނު ސަރުކާރަށް ތަންފީޒުނުކުރެވޭ ކަމަށެވެ. އެހެންކަމުން ތަންފީޒު ނުކުރެވޭ ގާނޫނެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ވޭޕް މަނާކޮށް، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުން ފަދަ އިތުރު ޖޫރިމަނާތަކެއް ގާނޫނުގައި ކަނޑާއަޅާފައި ވެެއެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.










