އައްޑޫ ސިޓީ، ހިތަދޫގެ ފްލެޓެއްގެ މަތިން ކުޑަ އަންހެންކުއްޖަކު ވެއްޓި ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ
ރޭ 12:00 ޖެހި އިރު ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މި ހާދިސާ ހިނގީ ހިތަދޫ، ފްލެޓް ނަމްބަރު 14 ގެ ދެވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކުއްޖާގެ ހާލު މިވަގުތު ސްޓޭބަލް ނަމަވެސް އަދިވެސް އަންނަނީ އިތުރު ޓެސްޓްތައް ހަދަމުންކަމަށް ހޮސްޕިޓަލްއިން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އުސް އިމާރާތްތަކުން ވެއްޓި މިފަދަ ހިތާމަވެރި ހާދިސާތައް މިފަހުން ވަނީ އިތުރުވެފައެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓަކުން ވެއްޓި ޒުވާނެއް ވަނީ ނިޔާވެފައެވެ.