ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމެވެ. އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ތަރައްގީއަށް މަގު ފަހިކޮށްދޭ ވެރިކަމެކެވެ.
ވެރިކަމުގެ ނިޒާމުތަކާ އަޅާ ބަލާއިރު ޖުމްހޫރީ ނިޒާމަކީ ވަރަށް ޒަމާންވީ ނިޒާމެކެވެ. އެތައް ޒަމާންތަކެއް ވެގެންގޮސްފައިވާ މި ނިޒާމަށް ނަމަވެސް މިހާތަނަށް އައިއިރު ވަނީ ވަރށް ބޮޑެތި ބަދަލުތައް އައިސްފައެވެ. އެގޮތުން 20 ވަނަ ގަރުނުގެ ތެރގައި ޖުމްހޫރީ ނިޒާމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެމެރިކާގެ ޑިމޮކްރެސީގެ ބައްޕަކަމަށް ބުނާ ޖޭމްސް މެޑިސަންގެ ފިކުރުތަކާއެކު މި ޒަމާޒނުގެ ޖުމްހޫރީ ނިޒާމު އެކުަވާލެވުނެވެ. އެއާއެކު މަޝްހުރު ފަރެންސީސި އިންގިލާބުގެ ސަބަބުން މަރުވަމުން ދިޔަ ޖުމްހޫރީ ވެރިކަމުގައި ފުރާނަ އެޅިގެން ދިޔައެވެ. ދުނިޔޭގެ އެކި ގައުމުތަކުން ޖުމްހޫރިއްޔަތުގެ ކުލަވަރު ފެނި ގައުމުތަކުގެ ސަރުކާރުތަކުން ޖުމްހޫރިއްޔަތާ ދިމާއަށް ދީއްލާލަން ފެށިއެވެ.
ޖުމްހޫރީ ވެރިކަމުގެ މުގުލުގައި ތިބޭ ބަޔަކީ، ރައްޔިތުން ކަމަށް ވުމާއެކު ވެރިކަމުގެ ހުރިހާ ބާރެއް ލިބިފައިވަނީ ރައްޔިތުންނަށެވެ. ވެރިކަމެއް އުފައްދާ ވެރިކަމެއް އުވާލުމުގެ ބާރުވެސް ލިބިފައިވަނީ ރައްޔިތުންނަށެވެ.
ޖުމްހޫރިއްޔަތުގެ ބިންގަލަކީ ރައްޔިތުންކަމަށްވުމާ އެކު ބިންގަލުގެ މަތީގައި ޞޭއްވޭ ކޮންމެ ގަލަކީ ރައްޔިތުންގެ ރުހުމާއެކު ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ބޭއްވޭ ގަލަކަށްވާން ވާނެއެވެ. ޖުމްހޫރީވެރިކަމުގެ އެންމެ މުހިއްމު ބަހާއަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކޯށް އިންސާފުން ކަންކަން ކުރުމެވެ. ގާނޫނު އަސާސީއަކީ އެކަމަށްޓަކައި އެކުލަވާލާފައި އޮންނަ އެއްޗެކެވެ. އެހެންކަމުން ކުށެއް ކޮށްފިނަމަ ވެރިއެކޭ އާދައިގެ ރައްޔިތެކޭ ތަފާތެއް ނުކުރެވޭނެއެވެ. ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ އަސާސީ ޚިދުމަތްތަކާ ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހައްގުަތއް ފުރިހަމަ ގޮތުގައި ގާނޫނު އަސާސީއިން ލިއްބައިދީފައިވެއެވެ. ގައުމުގައި ކުރެވޭ އިގްތިސޯދީ މަސައްކަތްތަކާ އިޖްތިމާއި މަސައްކަތްތަކުގައި ވެރިންނާ އެއްވަރަށް ރައްޔިތުންގެ ބައިވެރިވުންވެސް ބާއްވަން ޖެހޭނެއެވެ. އެއީ އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމުގެ އިހްސާސް ލިއްބައި ދިނުމަށެވެ
ޖުމްހޫރީވެރިކަމުގައި ރައްޔިތުން ދެން ލިބޭ އަނެއް ފައިދާއަކީ ވެރިކަމުގެ ޚުދުމުހުތާރު ގޮތްތަކާ ޚިޔާނާތަށް ދޮރު ހުޅުވާދެވިފައިނުވާނުވުމެވެ. ވެރިއަކަށް ހުންނަވާ ބޭފުޅަކު ވެރިކަމުގައި ދެމި ހުރުމަށް ރައްޔިތުންގެ ރުހުމާ އިތުބާރު ހޯއްދަވަން ޖެހެއެވެ. އެގޮތުން ދުނިޔޭގައި ޖުމްހޫރީ ވެރިކަން ކުރާ ސަރުކާރުތައް ހިނގާ ގައުމުތަކަށް ބަލާއިރު، ރައްޔިތުންގެ އިތުބާރު ނެތުމުގެ ސަބަބުން ވެރިއަކަށް ހުންނަވާ ބޭފުޅަކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފައިވެސް އެބަހުއްޓެވެ. ރާއްޖޭގައިވެސް މިފަދަ ކަންކަން ވަނީ ހިނގާފައެވެ.
ދިވެހި ފުރަތަމަ ޖުމްހޫރިއްޔާ 7 މަހާ 21 ދުވަހުން ނިމިގެން ދިޔައީ އެފަދަކަމެއްގެ ތެރެއިންނެވެ. އަދި ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސްގެ ވެރިކަންވެސް 2 އަހަރާ 3 މަސް ތެރޭ ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ.
އެހެންކަމުން މިއަދު ދިވެހި ގައުމުގެ ޖުމްހޫރިއްޔަތަށް 57 އަހަރު ފުރިގެން ދިޔައިރު ގައުމު އޮތީ ޖުމްހޫރިއްޔަތެއްގެ ވެރިކަމެއްގެ ފަޚްރު ލިބިދޭ ގޮތަކަށްތޯ ސުވާލު އުފެދެއެވެ. ސުވާލު އުފެދެން ޖެހޭ ސަބަބުތައްވެސް ބައިވަރެވެ.
ވެރިކަމުގައި ހުންނެވީ ގައުމުގެ ވަލިއްޔުލް އަމްރުގެ އަމަލުފުޅު ހުރީ ރައްޔިތުންގެ ވެރިކަމަށް ވުރެ ބޮޑަށް ދެމަފަރިންގެ ވެރިކަމެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން އައިޑީ ކާޑުތައް ވަގަށް ނަގާ އިތުރުކޮށް ބޮޑު ކުރި ޕާޓީގެ އެކަނި ވެރިކަމެއްގެ ގޮތުގައެވެ. އިގްތިސޯދާ މުޖުތަމައުވެސް ވީދި ކުދި ކުދިވެފައިވާއިރު ރޮދިޖަހާ ފަހަންވީ ގޮތް ރައްޔިތުންގެ ރުހުމާއެކު ކުރިއަށް ނުދެއެވެ. ބޭކާރު ޚަރަދު ކުރުމާ އިސްރާފުގެ ބައި ގިނަވެ ރައްޔިތުންގެ ފައިސާ ތަޅާ ދުންކާލި އަރުވަމުންދާއިރު ރައްޔިތުންގެ ނުުރހުން އެކަމަށް އިންތިހާއަށް އޮތުމެވެ. ރައްޔިތުން ފާޅުގައި ސަރުކާރުގެ އަމަލުތަކާ މެދު ނުރުހުން ފާޅުކުރަމުންދާއިރު ޑިމޮކްރެސީގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނަންގަވައިގެން ހުންނަވާ އެންމެ ފަހުން ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް މިނިަވން މީޑިޔާވެސް ކަތިލާ ކަފުންކޮށް ވަޅުލީމައެވެ.
ނަމަވެސް މިއީ ރެޕަބްލިކު އޮފް މޯލްޑިވްސްޔޯލައެވެ. "ރެޕަބްލިކު" ރަމްޒުކޯށްދެނީ ރައްޔިތުންކަމަށްވީ ނަމަވެސް މި ގައުމުގައި މިއަދު ރައްޔިތުންގެ ބާރެއް ނެތވެ. އޮތީ ފަރސްޓު ލޭޑީއާ ކަޒިންއަކާ އަދި ކައިރި ފްރެންޑްސް ކޮޅެއްގެ ބާރެވެ.
ނޯތު ކޮރެއާއެކޭ ތަފާތެއް ނެތެވެ. އެހެނީ އެއީ ވެސް ޑިމޮކްރެޓިކު ޕީޕަލްސް ރެޕަބްލިކް އޮފް ކޮރެއާއަށްވީ ނަމަވެސް ހުރިހާ ބާރެއް އޮންނަނީ ސުޕްރީމު ލީޑަރު ކިމް ޖޯން އަތުގައި ކަމަށްވެފައި މީީޑިޔާގައިވެސް ޝާއިއު ކުރެވޭނީ ސަރުޚާރުން ދޭ ޚަބަރުތައް އެކަނި ކަމަށްވެސް ވުމެވެ. ނަމުގައި ރެޕަބްލިކެވެ. ކަމުގައި ޑިކްޓޭޓާޝިޕެވެ.
ރާއްޖޭގެ ވެސް ހާލަކީ މިއަދު އެއޭ ބުނަނީ ހިތުގައި ރިހުމަކާ އެކުގައެވެ. ރައްޔިތުންނަށް ފުރިހަމަ ބާރު ލިބުމަކީ ގައުމުގައި ހިނގާ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އޮތުން ކަމަށާ ރައްޔިތުންގެ ބައިވެރިވުންވެސް އޮތުން ކަމަށްވީ ނަމަވެސް މިއަދު ގައުމުގެ ކަންކަމުގައި ބަސް ބުނާ މީހާ އަވަސް އަރުވާ ލަނީ ޖަލަށެވެ.
ރައްޔިތުންގެ ބާރު އޮތުމަކީ މިނިވަން މުއައްސަސާތަކުގައިވެސް ވެރިންގެ ދިލަ ނުޖެހުން ކަމަށްވީނަމަވެސް މިއަދު މިގައުމުން ފެންނަމުން ދަނީ މިނިވަން މުއައްސަސާތައް ފެއިލްވެ ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންނަށް ހެޔިވެރިކަމެއް ކޮށްދިނުމުގައި ފެއިލްވެފައިވާ މަންޒަރެވެ.
ރައްޔިތުންގެ ބާރު އޮތުމަކީ އިންސާފާ ހަމަވެސް އޮތުންކަމަށްވީ ނަމަވެސް ރައްޔިތުންގެ ހައްގުގައި ދުސްތޫރީ ކޯޓުތަކުން ނިންމުން ނިންމުމުން ބެންޗު ނުފޫޒުގެ ގަދަ ކޮޅިގަނޑެއްގައި ޖެހި ވިއްސައިގެން ދިޔައީއެވެ.
ރައްޔިތުންގެ ފައިސާއިން ވައްކަމާ ކޮރަޕްޝަން އިންތިހާއަށް މެކުހަށް ޖައްސުވައިފިއެވެ. ބަހެއް ބުނެލާ މީހަކު ނަމަ ފްރޭމުކޮށްލަނީއެވެ. ރިޝްވަތުގެ ހުތުރު ފައިސާ ދޭން ދެބަސްވާ މީހުން މަގާމުތަކުން ވަކިކުރަނީއެވެ. މިއީ މިއަދު މިގައުމުގެ ހިތި ނަމަވެސް ހަގީގަތެވެ.
އެހެންކަމުން ޑިމޮކްރެސީގެ ފުރިހަމަ ރީތި މިސާލުން މިސާލު ނަގާ ނަމަ މިއަދު ރައްޔިތުންގެ ބާރު ގައުމުގައި ނެތްކަމުގެ އިހުސާސްވެއެވެ. ރައްޔިތުންގެ ބާރު ވެރިކަމެއްގައި އޮތުމަކީ ފަސް އަހަރުން އެއް އަހަރު ވެރިން ބަދަލުކުރުން އެކަނި ނޫނެވެ.
ޖުމްހޫރިއްޔަތުގެ ނަމުގައި އެ ނިޒާމުގެ ސިފަތައް ގެއްލުވައިލައިގެން ގައުމުގެ ނަމުގެ ކުރިއަށް ރިޕަބްލިކު ގެނެސްގެން ވެރިކަން ކުރިއަސް ޔަގީނުންވެސް އެއީ ރައްޔިތުންގެ ވެރިކަމަކަށް އަދި ނުވެއެވެ.