ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފެށި ގައުމީ އޮޕަރޭޝަން، "އަލިމަގު"ގައި 110 މީހުން ހައްޔަރުކޮށް 29.68 ކިލޯގެ ޑްރަގް ހޯދި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މިހިނގާ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 500 އޮފިސަރުން ބައިވެރިވެފައިވާކަމަށެވެ. އޮޕަރޭޝަން އަލިމަގު ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންގޮސްފައިވާއިރު، 105 ތަނެއް ބަލައި 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އެ މީހުންގެ ތެރެއިން 61 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާއިރު، 38 މީހަކު ކޯޓަށް ހާޒިރުކޮށް ވަނީ މުއްދަތު ޖަހައިފައެވެ.
ފުލުހުން ބުނީ ބަންދުގައި ތިބި މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން ބަންދުކުރި މީހުންކަމަށާއި، އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުނު ކަމަށެވެ. އެގޮތުން ބަލާ ފާސްކުރި ތަންތަނުން 188،959.84 ރުފިޔާ ފެނުނުކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ވަނަވަރުތައްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މި އޮޕަރޭޝަނުގައި 1 ކަނޑު އުޅަނދު ބަލާފާސްކޮށްފައިވާއިރު، 9 އެއްގަމު އުޅަނދުވެސް ބަލާފާސްކުރިއެވެ.