އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި ކެބިނެޓް މިނިސްޓަރު ބެނީ ގަންޓްޒް / ގެޓީ އިމޭޖަސް
ދުނިޔެ
ނަތަންޔާހޫގެ ރުހުން ނެތި ކެބިނެޓް މިނިސްޓަރު އެމެރިކާއަށް ދިޔުމުން މަޝްރަހު ހޫނުވެއްޖެ
Azzama
އައްޒާމާ
04 މާރިޗު 2024

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެމެރިކާގެ ރައީސް ބައިޑެންއާ ދޭތެރޭ އުފެދިފައިވާ ކޯޅުން، އެމެރިކާގެ ނައިބް ރައީސް ކަމާލާ ހެރިސް ޣައްޒާ ހަނގުރާމަ ހުއްޓާލަން އިއްޔެ ގޮވާލުމުން ވަނީ އިތުރަށް ބޮޑުވެފައެވެ.

ކަމާލާ ހެރިސް މިހެން ބުނެފައިވާއިރު ނަތަންޔާހޫގެ ރުހުން ނެތި އޭނާގެ ކެބިނެޓް މިނިސްޓަރު ބެނީ ގަންޓްޒް ވަނީ މިއަދު އެމެރިކާއަށް ދަތުރުކޮށްފައެވެ.

އިސްރާއީލުގެ ކެބިނެޓް މިނިސްޓަރު ބެނީ ގަންޓްޒް ވޮޝިންޓަނަށް ދަތުރުކުރެއްވީ ނަތަންޔާހޫގެ އެންޑޯސްމަންޓެއް ނެތި ކަމަށާއި އޭނާގެ ބައްދަލުވުންތައް ހަމަޖެއްސުމުގައި އެހީތެރިކަން ނުދިނުމަށް އެމެރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީއަށް އަންގާފައިވާ ކަމަށް އިސްރާއީލް ހަޔޯމް ރިޕޯޓްކޮށްފައިވެ އެވެ.

ނަތަންޔާހޫ ނިސްބަތްވާ ކަނާތުފިޔައިގެ ލިކުޑް ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ނަތަންޔާހޫ ގަންޓްޒްއާ އެކު "ހަރުކަށި ވާހަކަތަކެއް" ދެއްކި ކަމަށާއި އެގައުމުގައި "އެންމެ ބޮޑުވަޒީރެއް" ހުރި ކަމަށް ގަންޓްޒް ގާތު ނަތަންޔާހޫ ބުނި ކަމަށެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކަށް ފަހު ނަތަންޔާހޫގެ ހައްދުފަހަނައެޅި ސަރުކާރާ ގުޅުނު ސެންޓްރިސްޓެއް ކަމަށްވާ ގަންޓްޒް މި ވަޑައިގަތީ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާގެ އަމަލުތަކާ ގުޅިގެން ނަތަންޔާހޫ އާއި ރައީސް ޖޯ ބައިޑަންއާ ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ.

ގަންޓްޒް ހޯމަ ދުވަހު ނައިބު ރައީސް ކަމާލާ ހެރިސް އާއި ގައުމީ ސަލާމަތުގެ މުޝީރު ޖޭކް ސުލިވާން އާއި އަދި އަންގާރަ ދުވަހު ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާގެ ނޭޝަނަލް ޔުނިޓީ ޕާޓީން ބުނެ އެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ނިއުޔޯކް ޓައިމްސްއަށް ވިދާޅުވީ މި ބައްދަލުވުމުގައި ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލު ރައްޔިތުން މިނިވަން ކުރުމާ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކުރުމާއި، އާންމުންނަށް ލިބޭ ގެއްލުން މަދުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ.

އެމެރިކާއިން މީގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން ފަސްޖެހުނު ނަމަވެސް ގަތަރާއި މިސްރާއެކު ދަނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލައި ޣައްޒާއަށް ދޭ އެހީ އިތުރުކުރަން ހަ ހަފްތާގެ ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސްއާ އިސްރާއީލު ގެންނަން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved