އައްޑޫ ހައި ސްކޫލުގެ ކިލާހެއްގައި ދަރިވަރަކަށް އަނިޔާކުރި ބިދޭސީ މުދައްރިސަކު ސަސްޕެންޑްކޮށް، ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
އައްޑޫ ހައި ސްކޫލުގެ ކިލާހެއްގެ ތެރޭގައި ދަރިވަރެއްގެ ކަރުގައި ހިފައި، އޭނާގައިގާ ތަޅައި އަނިޔާކުރި ބިދޭސީ މުދައްރިސަކު ސަސްޕެންޑްކޮށް، މި މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ އެ ވީޑިޔޯއިން ފެންނަ ގޮތުގައި، ދަރިވަރު ވެސް މުދައްރިސްގެ ގައިގައި ޖަހާއިރު، މުދައްރިސް ދަރިވަރަށް އަނިޔާކުރި ވަގުތު ކިލާސް ތެރޭގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މާރާމާރީ ހިންގީ ގްރޭޑް 12ގެ ދަރިވަރުންގެ ބީ-ޓެކް ކިލާހެއްގައެވެ. އަދި، އެ ދަރިވަރަށް އަނިޔާކުރި މުދައްރިސަކީ އިންޑިއާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވުމާ ގުޅިގެން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެ މުދައްރިސް މިހާރު ސަސްޕެންޑްކޮށް، ވުޒާރާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި، އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި، ކަން ހިނގާފައިވާ ގޮތް ހޯދުމުގެ މަސައްކަތް ވުޒާރާއިން ވެސް ކުރަމުން އަންނަ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. އިސްމާޢީލް ޝަފީޢު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމުގައި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުންގެ ފަރާތުން ވަނީ ބުނެފައެވެ.