theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ރިޕޯޓު
ދިވެހިންގެ ލޭނާރު ބުރިކޮށްލުމަށްފަހު، މަސްވެރިންގެ ހަށިގަނޑުން ނޭވާ ހިފެހެއްޓުމަށް މަސައްކަތްކުރަނީބާ؟
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 ޑިސެމްބަރު 2025
މާލެ ސިޓީ

ދިވެހި ގައުމުގެ މައި ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ސަރުކާރުން މަސްވެރިންނަށް ކަނޑައެޅިގެން ކަންކުރާ އިހާނާތީ ގޮތްތަކާ ގުޅިގެން މަސްވެރިންގެ ހިތްތައް އިސަރުކާރަށް ނަފްރަތާއި ޝިކާޔަތުން ފުރިއްޖެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެކި ދުވަސް މަތިން މާލޭގެ މަގުތައް މަތީގައި އަޑުއުފުލައި މުޒާހަރާ ކުރަމުންދާ މަސްވެރިން މިހާރު ގަބޫލުކުރަނީ، މި ސަރުކާރުން އެއްވެސް ވައުދެއް ފުއްދާނެ ކަމުގެ އުންމީދެއް ނެތް ކަމުގައެވެ. މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި، މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެމީހުންގެ ދިރިއުޅުން ހުއްޓުވައި، ދިވެހިންގެ މައި ލޭނާރު ބުރިކޮށްލުމަށް ކަމަށް މަސްވެރިން ބުނަމުންދާނީ ލައްކަ ވަރެއްވީމަތާއެވެ.

މި ގޮތުން، މަސްވެރިންގެ ހައްގުގައި މުޒާހަރާތައް މާލެ ސަރަހައްދުގައި ކުރަމުންދާއިރު މުޒާހަރާގެ ބައިވެރިންގެ އަޑުތައް ވަނީ މަސްވެރިކަމާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމްގެ އިސްތިއުފާއަށް ގޮވާލުމާ ހަމައަށް ވެސް ގޮސްފައެވެ. ވަޒީރު ޝިޔާމް މިނިސްޓަރުކަމުން އިސްތިއުފާ ނުދެއްވާނަމަ، އެ މަގާމުން ވަކިކުރުމަށް ވެސް މަސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާފައެވެ. މަސްވެރިން ތުހުމަތުކުރާ ގޮތުގައި، މިނިސްޓަރު ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށް ފަހު، ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދިނުމަށެވެ. މިއީ ދިވެހި މަސްވެރިކަމުގެ ހަގީގީ ރޫހާ ޚިލާފު އަމަލެއް ކަމަށް މަސްވެރިން ދެކެއެވެ.

އަދި، ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވުމަކީ ބޮޑު ކަންނެލި މަސްވެރިން ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް މަސްވެރިން ހާމަކުރެއެވެ. މިފަދަ ކަންކަމުން މަސްވެރިންނަށް ބިރު ދެއްކޭނެ ކަމަށް ހީފުޅު ކުރެއްވިޔަސް، މަސްވެރިންނަކީ އެއަށްވުރެ މާ ހިތްވަރު ގަދަ ބައެއް ކަމަށާއި، މިގޮތަށް އަދި ބިރު ދެއްކިޔަސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ހަރުކަށި ބަހުން ބުނެފައެވެ.

މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ތިން މައިގަނޑު ޑިމާންޑެއް ވަނީ ހުށަހަޅާފައެވެ. އެއީ:

  1. ސަރުކާރުން ކަންނެލި ގަންނަން ފެށުން.

  2. ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުން.

  3. ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުން.

މި ޑިމާންޑުތަކަކީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކޮންމެހެން ބޭނުންވާ އަސާސީ ކަންކަން ކަމަށް މަސްވެރިން ބުނެއެވެ. ބޮޑު ކަންނެލި މަސްވެރިންނާއި އެނޫންވެސް މަސްވެރިކަން ކުރާ ފަރާތްތަކަށް ސަރުކާރުން ކަންތައް ކުރަމުންދަނީ ހިތަށް އައިހާ ގޮތަކަށް ކަމަށް ތުހުމަތުތައް ވަނީ ކުރިމަތިވެފައެވެ. މަސްވެރިން ވަނީ ބޮޑެތި ލޯނުތައް ނަގައި، ދިރިއުޅުމުގެ ޚަރަދުތައް ފުއްދުމަށް ހުރިހާ ގޮތަކުން މަސައްކަތްކުރަމުން އަންނައިރު ސަރުކާރުގެ އިހުމާލުން އެ ލޯނުތަކާއި ޚަރަދުތައް އަދާނުކުރެވި، މުޅި ދިވެހިރާއްޖޭގެ މަސްވެރިން މިހާރު ތިބީ ދަރަނީގެ ކަނޑެއްގައި ފަތަފަތއެވެ. . މަސްވެރިކަން ކުރާ ކޮންމެ ފަރާތަކަށްވެސް ދިމާވެފައިވާ މި ދަތިތަކަކީ، ސަރުކާރުން އިސްކަންދީގެން ހައްލުކުރަންޖެހޭ ކަންކަމެވެ. އެހެން ނޫންނަމަ، ދިވެހިންގެ އުފެއްދުންތެރިކަމުގެ އެންމެ މުހިންމު ދާއިރާއަށް ލޮޅުން އަރައި، އެތައް ހާސް އާއިލާތަކެއްގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ވެއްޓިގެންދާނެއެވެ.

މިކަންކަމަށް ހައްލެއް ނުލިބިއްޖެނަމަ، ދިވެހިންގެ މައި ލޭނާރު ކަމުގައިވާ މަސްވެރިކަން މުޅިން ހުއްޓި، މި ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގެ އިންޒާރު މަސްވެރިން ދެމުން އެބަދެއެވެ. މަސްވެރިންގެ އަޑުތައް ގަދަވަމުންދާއިރު، ސަރުކާރުން މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި ރައީސް އުޅުއްވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އަތޮޅުތެރެއަށް ވަޑައިގެންނެވެ. މަސްވެރިންނަށް މުއިއްޒު ވި ވައުދުތައް ހަނދާންނެތި، އެކަންކަން މަސްވެރިން ހަނދާންކޮށްދިނީމާ މުއިއްޒު މިހާރު މަސްވެރިންނަށް ފިލަނީއެވެ. މިހިސާބަށް ކަންތައް ދިޔައީމާ ބުނެވޭނީ ނުފޯރާ ފޮތިން ފޫގަޅަން މަސައްކަތް ނުކުރާށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރު އައިރު، އެންމެ ވަރުގަދަ ވައުދުތަކުގެ ތެރޭގައި މަސްވެރިންގެ ދިރިއުޅުން ރަނގަޅުކޮށްދިނުމާއި، މަހުގެ އަގު ހިފެހެއްޓުން ހިމެނެއެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ވައުދުތައް ވެވުނުތާ މަދު ދުވަސްކޮޅެއް ފަހުން، އެ ވައުދުތައް ވަނީ ވައިގެ ތެރެއަށް ފަޒާވެގެން ގޮސްފައެވެ. މަސްވެރިންގެ މަސް ގަންނަން ފެށުމަށް ވީ ވައުދުތަކާއި، އަގު ބަދަލުނުކޮށް ހިފެހެއްޓުމަށް ވީ ވައުދުތަކުގެ ބަދަލުގައި، މިހާރު މަސްވެރިންނަށް ލިބެމުންދަނީ ނިކަމެތިކަމާއި ފަގީރުކަމެވެ. މަހުގެ ބޮޑެތި ބާވަތްތައްވެސް އެއްފަހަރާ ގަންނަން ފުރުސަތު ނުލިބި، ދުވަސްތަކެއް ވަންދެން ކަނޑަށް ނިކުމެ މަސައްކަތްކުރުމަށްފަހު އެ މަސް ނުވިކި ނުވަތަ ފައިސާކޮޅު ނުލިބި މަޑުކުރަން ޖެހުމަކީ، މަސްވެރިންގެ ހަށިގަނޑުން ނޭވާ ހިފެހެއްޓުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.


މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިސްތިއުފާއަށް ގޮވާލަމުންދަނީ، އޭނާ މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން ހަލާކުކޮށްލުމަށްކަމަށް ތުހުމަތުކުރެވޭތީ ކަމަށް މަސްވެރިން ބުނެއެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އެންމެ ގިނައިން ކުރާ މަސްވެރިކަމަކީ ބޮޑު ކަންނެލި މަސްވެރިކަމެވެ. އެހެންނަމަވެސް، މިނިސްޓަރު ޝިޔާމުގެ ސިޔާސަތުތަކުން ފެންނަނީ، މި މަސްވެރިކަން މަޑުމަޑުން ނައްތާލައި، ލޭނުގެ މަސްވެރިކަމަށް އިސްކަންދިނުމަށް މަސައްކަތްކުރާ ކަމެވެ. މިކަމަކީ މަސްވެރިންގެ މެދުގައި ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާ ކަމެކެވެ.


މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތަކަށް އަމަލުނުކޮށް، އެމީހުންގެ ހައްގުތައް އަންނަނީ ފޭރެމުންނެވެ. މަސްވެރިންގެ ހިތްތަކުގައި އަލިފާން ރޯވެ، މުޒާހަރާތަކުގެ އަލިފާންގަނޑު ދަނީ ބޮޑުވަމުންނެވެ. މި ސަރުކާރުން މި މައްސަލަތަކަށް ހައްލެއް ނުހޯދައިފިނަމަ، ދިވެހިންގެ މައި ލޭނާރު ބުރިކޮށްލުމުގެ ހިތާމަވެރިކަން ފެންނާން މާ ގިނަ ދުވަހެއް ނެތެވެ. ދިވެހިންގެ މައި ސިނާއަތް މުއިއްޒުގެ ހޮޅި ސަރުކާރުން ކަފުންކޮށް ވަޅުލައިފިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved