
މަސްވެރިންގެ ހުރިހާ މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމަށް ބުނެ އަނެއްކާވެސް، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މަސްވެރިންނަށް ފޮނި ހުވަފެންތަކެއް ދައްކައިފިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައިސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯއަކީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއްކަމަށެވެ.
އެހެންނަމަވެސް ވެރިކަމުގައި 2 އަހަރު ހޭދަވެގެން ދިޔަ އިރު މަސްވެރިންގެ ދިރިއުޅުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދަމުންނެވެ. އެމީހުންގެ ބުރަ މަސައްކަތަށް އެކަށީގެންވާ ވަރަށް ފައިސާ ނުލިބޭ އިރު މަހަށް ދިޔުމަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރަން ޖެހެނީ އަމިއްލަ ޖީބުންނެވެ. އަދި އެމީހުން ބާނާ މަސް, މިފްކޯއިން ގަތުމަށް ވިއްކުމަށްވެސް ޖެހެނީ އާދޭސް ކުރާށެވެ.
މި މަހުގެ 10 ވަނަ ދުވަހު މަސްވެރިން ވަނީ މާލެ ޖެޓީއަށް އޮޑިތަކުގައި އެއްވެ، ކަންބޮޑުވުން ފާޅުކޮށްފައިއެވެ. އިހުތިޖާޖުގައި މަސްވެރިން އެދިފައިވަނީ ތިން ކަމަކަށެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް އިހުތިޖާޖުގައި މަސްވެރިން ވަނީ ޑިމާންޑުކޮށްފައިއެވެ.
ނަމަވެސް ސަރުކާރުން ވަނީ އެތަނަށް ފުލުހުން ފޮނުވާ މަސްވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިއެވެ.
ކަންމިހެންއޮތް އިރު ޝިޔާމް މަސްވެރިންގެ ޝަކުވާ އެ ވުޒާރާއާ ހިއްސާކުރަން އެދޭއިރު ލަދެއް ނުގަންނަވާތޯ؟ ފާއިތުވި 2 އަހަރު ނީވުނު އަޑެއް މިހާރު އިވޭނެތޯ؟










