March 19, 2026
Advertisement
މިނިސްޓަރު ޝިޔާމް ކޫއްޑޫގައި މަސްވެރިންނާ ވާހަކަ ދައްކަވަނީ
މިނިސްޓަރު ޝިޔާމް ކޫއްޑޫގައި މަސްވެރިންނާ ވާހަކަ ދައްކަވަނީ / ސޯޝަލް މީޑިއާ

ވައުދުތައް ފުއްދުމަށް ގޮވާލައި މަސްވެރިން އިހުތިޖާޖު ކުރާތާ ފަސް ދުވަސް ފަހުން، މިނިސްޓަރު ޝިޔާމް މަސްވެރިންނާ ބައްދަލުކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 15, 2025, 05:21 PM
މާލެ ސިޓީ

ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރާތާ 05 ދުވަސް ފަހުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

Advertisement

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު 11:00 ގައި ވެލާނާ ގޭގައެވެ.

މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ޑިމާންޑުކޮށް މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހުގައެވެ.

މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، ފަސް ދުވަސްވަންދެން މަސްވެރިންގެ އަޑު ނާހާ މަޑުކުރުމަށްފަހު، މިނިސްޓަރު މި ބައްދަލުވުމަކަށް ނިންމެވީ މަސްވެރިންގެ މުޒާހަރާ އަށް ހައްލެއް ނުލިބި ދިގުދެމިގެން ދިޔުމުންނެވެ.

ކަންނެލި މަސްވެރިން ސަރުކާރަށް ކުރަމުންދާ މައިގަނޑު ތިން ޑިމާންޑަކީ މި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމެނޭ ކަންކަމެވެ. އެއީ:

1. ބޭސް ރޭޓުގައި ތެލާއި އައިސް މަސްވެރިންނަށް ލިބޭނެ ގޮތް ހަދައިދިނުން.

2. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން.

3. ކަންނެލި ގަންނާނެ އެންމެ ދަށް އަގު ކަމުގައި 80ރ. އަދި 100ރ. ކަނޑައެޅުން.

މި ޑިމާންޑުތަކާއެކު ބޮޑު ކަންނެލީގެ މަސްވެރިން ކަނޑަށް ނުކުމެ، މާލެ ކައިރީގައި އިހުތިޖާޖު ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ހަތަރު ބިދޭސީންނާއި ތިން ދިވެހީން ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރެވުނު ދިވެހީންގެ ތެރޭގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވެސް ހިމެނުނެވެ. މުޒާހަރާގައި ބައިވެރިވި ބަޔަކު ހައްޔަރުކޮށްފައިވީނަމަވެސް މަސްވެރިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއްވެސް އިޖާބައެއް ދީފައެއްނުވެއެވެ.

މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރުން ދައްކަމުން އައި ލަސްކަމާއި، މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމަށްފަހު ފަސް ދުވަސް ފަހުން މި ބައްދަލުވުން ބޭއްވުމުން، މަސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved