އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި މިދިޔަ އާދިއްތަ ދުވަހު ހިންގި ބަޑީގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން، 24 އަހަރުގެ ނަވީދު އަކްރަމްގެ މައްޗަށް 59 ދައުވާއެއް އުފުލައިފިއެވެ.
މި ދައުވާތައް އުފުލާފައިވަނީ ހަމަލާއާ ގުޅިގެން ކުރެވުނު ތަހުގީގަށްފަހުއެވެ.
ނަވީދަށް ކުރި ދައުވާތަކުގެ ތެރޭގައި ގަސްތުގައި މެރުމުގެ 15 ދައުވާއަކާއި، ޓެރަރިސްޓް އަމަލެއް ހިންގުމުގެ އެއް ދައުވާ ހިމެނެއެވެ. މީގެ އިތުރުން، މަރާލުމުގެ ނިޔަތުގައި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ 40 ދައުވާގެ އިތުރުން، މަނާ ޓެރަރިސްޓް ޖަމާއަތެއްގެ ނިޝާނެއް އާންމުކޮށް ދެއްކުމުގެ ދައުވާ ވެސް އޭނާއަށް ކޮށްފައިވެއެވެ.
ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށް ދިން އެ ހަމަލާގައި 15 މީހުން މަރާލައިފައިވާއިރު، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލައިފައެވެ. އެ ހާދިސާގައި ނަވީދަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ބަޑި ޖެހި ދެ ވަނަ މީހާ ކަމަށްވާ ނަވީދުގެ ބައްޕަ، 50 އަހަރުގެ ސާޖިދު އަކްރަމް ވަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި މަރުވެފައެވެ.
މި ބޮޑެތި ދައުވާތަކަކީ، އާދިއްތަ ދުވަހު ބޮންޑައި ބީޗް ސަރަހައްދުގައި ހިނގި ބިރުވެރި ހަމަލާއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ ތެރެއިން އުފުލިފައިވާ ދައުވާތަކެކެވެ. އެ ހަމަލާތަކުގެ ސަބަބުން ސިޑްނީގެ އެކި ހޮސްޕިޓަލްތަކުގައި އަދިވެސް 17 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ.