ޗައިނާ އަސްކަރިއްޔާ / ގެޓީ އިމޭޖަސް
ދުނިޔެ
ޗައިނާގެ ދިފާއީ ބަޖެޓް މިއަހަރު 7.2% ބޮޑުކޮށްފި
Azzama
އައްޒާމާ
05 މާރިޗު 2024

ޗައިނާއިން ބެއިޖިންގައި ބާއްވާ އަހަރީ ޕާލަމެންޓްރީ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޖެޓް ރިޕޯޓެއްގައިވާ ގޮތުން 2024 ވަނަ އަހަރު ދިފާއީ ހަރަދު %7.2 އިތުރުކޮށް 1.67 ޓްރިލިއަން ޔުއާން އަށް އަރާނެ އެވެ.

މިއަހަރުގެ އަސްކަރީ ބަޖެޓް އިއުލާން ކޮށްފައިވަނީ ފާއިތުވި އަހަރު ރައީސް ޝީ ޖިންޕިން ކޮރަޕްޝަނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކުރި ތަހުގީގަކާ ގުޅިގެން ޕީޕަލްސް ލިބަރޭޝަން އާމީގެ ބައެއް ޖެނެރަލުންގެ މަގާމު ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ 2024 ވަނަ އަހަރުގެ އަސްކަރީ ބަޖެޓް ފުޅާކޮށްފައިވާއިރު ކޮންމެ އަހަރަކުވެސް ދިފާއީ ބަޖެޓް ދަނީ އިތުރު ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު %7.2 އިތުރުވެ، 2022 ވަނަ އަހަރު %7.1 އިތުރުވެ، 2021 ވަނަ އަހަރު %6.8 އިތުރުވެ، 2020 ވަނަ އަހަރު %6.6 އިތުރުވެ، 2019 ވަނަ އަހަރު %7.5 އިތުރުވިކަމަށް ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.

ޗައިނާގެ ރަސްމީ އަސްކަރީ ބަޖެޓަކީ ދުނިޔޭގައި އެމެރިކާއަށް ފަހު ދެވަނައަށް އޮތް އެންމެ ބޮޑު ބަޖެޓެވެ. ނަމަވެސް ބައެއް ނުރަސްމީ އަންދާޒާތަކުން ދައްކާ ގޮތުގައި ބެއިޖިންގެ އަސްކަރީ ހަރަދުގެ މިންވަރު ރަސްމީކޮށް ބުނާ ވަރަށް ވުރެ ބޮޑުވެދާނެ އެވެ.

ޗައިނާއިން ޓައިވާނަކީ އެގައުމުގެ ބައެއް ގޮތުގައި ދެކޭއިރު، ރައީސް ޝީ ޖިންޕިންގް ދެކެވަޑައިގަންނަވަނީ އަލުން އެއްބައިވަންތަވުމަކީ "ތާރީހީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ. އަންގާރަ ދުވަހު އާންމުކުރި ސަރުކާރުގެ މަސައްކަތުގެ ރިޕޯޓުގައި ބެއިޖިން އިން ވަނީ ޓައިވާން މިނިވަން ވުމަށް އަމާޒުކޮށްގެން ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކާއި ބޭރުގެ ތަދައްޚުލުވުމާ ދެކޮޅަށް "ވަރުގަދައަށް ދެކޮޅު ހަދާނެ" ކަމަށް ވައުދުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved