March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވެނެޒުއޭލާގެ ރައީސް ނިކޮލާސް މަދޫރޯއަކީ ކާކު؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 4, 2026, 04:01 AM
މާލެ ސިޓީ

ވެނެޒުއޭލާގެ ސިޔާސީ މަޝްރަހަކީ މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މައުޟޫއެކެވެ. މި ސަމާލުކަމުގެ މަރުކަޒަކީ އެގައުމުގެ ރައީސް ނިކޮލާސް މަދޫރޯއެވެ. ހޫގޯ ޗާވޭޒްގެ ފަހުން ވެނެޒުއޭލާގެ ހުންގާނާ ހަވާލުވެވަޑައިގެންނެވި މަދޫރޯއަކީ، އާދައިގެ ދިރިއުޅުމަކުން އައިސް ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެހާމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އެއް ލީޑަރެވެ.

Advertisement

ނިކޮލާސް މަދޫރޯ މޮރޯސް އުފަންވެވަޑައިގަތީ 23 ނޮވެމްބަރު 1962 ގައި ވެނެޒުއޭލާގެ ވެރިރަށް ކަރަކާސް އަށެވެ. އޭނާ ބޮޑުވީ މެދު ފަންތީގެ އާއިލާއެއްގައެވެ. މަދޫރޯގެ ބައްޕައަކީ ލޭބަރ ޔޫނިއަންގެ އިސް ހަރަކާތްތެރިއަކަށް ވުމުން، ސިޔާސީ ފިކުރާއި މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަތަކަކީ ކުޑައިރުއްސުރެ އޭނާއަށް އިވުނު އަޑުތަކެވެ.

ތައުލީމީ ގޮތުން ބަލާއިރު، މަދޫރޯ ސާނަވީ ތައުލީމު ނިންމެވީ ކަރަކާސްގެ ލޫސިއޯ ހޯސޭ އަވަލޮސް އިންނެވެ. ނަމަވެސް އޭނާ ޔުނިވަރސިޓީ ތައުލީމު ފުރިހަމައެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އޭނާ ވަނީ ކިއުބާގައި އެއް އަހަރު ދުވަހުގެ ސިޔާސީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރައްވާފައެވެ.

މަދޫރޯގެ އަމިއްލަ ދިރިއުޅުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނާ ކުރިން އަދާކުރެއްވި ވަޒީފާއެވެ. އޭނާއަކީ ކަރަކާސްގެ ބަސް ދަތުރުފަތުރުގެ ނިޒާމުގައި ބަސް ޑްރައިވަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިއީ މިއަދުވެސް އޭނާގެ ސިޔާސީ ވާދަވެރިން އޭނާއަށް ފާޑުކިޔުމަށް ބޭނުންކުރާ ނުކުތާއެކެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ސިލިއާ ފްލޯރެސްއާއެވެ. ސިލިއާއަކީ ވެސް ވެނެޒުއޭލާގެ ސިޔާސީ ދާއިރާގައި ނުފޫޒުގަދަ، ކުރީގެ އެޓަރނީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ.

މަދޫރޯ އަންހެނުން ސިލިއާ އެކުގައި
މަދޫރޯ އަންހެނުން ސިލިއާ އެކުގައި

މަދޫރޯގެ ސިޔާސީ ހަޔާތް ފެށުނީ ބަސް ޑްރައިވަރެއްގެ ގޮތުގައި ހުރެ، މަސައްކަތްތެރިންގެ ޔޫނިއަން ތަކުގައި ކުރި ހަރަކާތްތަކުންނެވެ. އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ 1990 ގެ އަހަރުތަކުގައި ހޫގޯ ޗާވޭޒްއާ ބައްދަލުވި ހިސާބުންނެވެ. 1992 ވަނަ އަހަރު ޗާވޭޒް ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބުވެ ޖަލަށްލުމުން، ޗާވޭޒް މިނިވަންކުރުމަށް ގޮވާލައި ހިންގި ހަރަކާތްތަކުގައި މަދޫރޯ އިސް ދައުރެއް އަދާކުރެއްވިއެވެ.

ޗާވޭޒް ވެރިކަމަށް ވަޑައިގަތުމަށްފަހު، މަދޫރޯ ވަނީ ސަރުކާރުގެ އެކި މަތީ މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ނޭޝަނަލް އެސެމްބްލީގެ ރައީސްކަމާއި، ޚާރިޖީ ވަޒީރުކަން ހިމެނެއެވެ. 2012 ވަނަ އަހަރު ޗާވޭޒްގެ ސިއްހީ ހާލަތު ގޯސްވުމުން، އޭނާގެ ނައިބު ރައީސްގެ ގޮތުގައި ހަމަޖެއްސެވީ މަދޫރޯއެވެ. ޗާވޭޒް އަވަހާރަވުމުގެ ކުރިން އޭނާގެ ވަސިއްޔަތެއްގެ ގޮތުގައި ބޭނުންފުޅުވީ އޭނާގެ ފަހުން ވެރިކަމަށް މަދޫރޯ ވަޑައިގަތުމަށެވެ.

-
-

މަދޫރޯގެ ވެރިކަމުގައި އެމެރިކާއާއެކު އޮތް ގުޅުން އިންތިހާއަށް ގޯސްވެގެން ދިޔައީ 2013 ވަނަ އަހަރު އޭނާ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުންނެވެ. އޭގެ މައިގަނޑު ސަބަބަކީ މަދޫރޯ ގެންގުޅުއްވި ސޯޝަލިސްޓް ސިޔާސަތުތަކާއި، އެމެރިކާގެ ނުފޫޒާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މަދޫރޯއަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް، އިންސާނީ ހައްގުތަކަށް އަރައިގަންނަ ޑިކްޓޭޓަރެކެވެ. 2018 ވަނަ އަހަރު ބޭއްވި އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް ބުނެ، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މަދޫރޯގެ ސަރުކާރު ގަބޫލުކުރުން ހުއްޓާލިއެވެ. މީގެ ބަދަލުގައި އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯއަކީ ގައުމުގެ ވަގުތީ ރައީސް ކަމަށް އެމެރިކާއިން ބަލައިގަތެވެ.

މި މައްސަލައިގެ ތެރެއިން އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ތެލުގެ ސިނާއަތަށާއި މަދޫރޯގެ ސަރުކާރުގެ އިސް ބޭފުޅުންނަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ސަބަބުން ވެނެޒުއޭލާގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް އިނދަޖެހިފައެވެ.

-
-

މިއަދު ވެނެޒުއޭލާ އޮތީ އިގްތިސާދީ އަދި ސިޔާސީ ބޮޑު ކްރައިސިސްއެއްގެ ތެރޭގައެވެ. އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އިންތިހާއަށް އުފުލި، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން އެތައް މިލިއަން ރައްޔިތުންނެއް ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފައެވެ.

ނަމަވެސް، މި ހުރިހާ ޕްރެޝަރެއްގެ ތެރޭގައިވެސް މަދޫރޯ އަދިވެސް ހުންނެވީ ވެރިކަމުގައެވެ. އޭނާއަށް ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ތާއީދު އޮތްއިރު، ރަޝިޔާ، ޗައިނާ، އީރާން އަދި ކިއުބާ ފަދަ ގައުމުތަކުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެންމެ ފަހުން 2024 ގައި ބޭއްވި ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެއްވީ މަދޫރޯ ކަމަށް އެގައުމުގެ އިލެކްޝަންސް އިން އިއުލާން ކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެ ނަތީޖާއާ މެދު ސުވާލު އުފައްދަމުންނެވެ.

ނިކޮލާސް މަދޫރޯއަކީ ބައެއް މީހުންގެ ނަޒަރުގައި ހުޅަނގުގެ އިމްޕީރިއަލިޒަމާ ދެކޮޅަށް ތެދުވި ބަތަލެކެވެ. ނަމަވެސް އަނެއް ބަޔަކަށް އޭނާއަކީ ގައުމު ބަނޑަށް ޖައްސައި، ޚުދުމުޚުތާރު ވެރިކަމެއް ކުރަމުންދާ ލީޑަރެކެވެ. ކޮންމެއަކަސް، މަދޫރޯގެ ވެރިކަމުގެ ދައުރަކީ ވެނެޒުއޭލާގެ ތާރީޚުގައި އެންމެ ހަލަބޮލި އެއް ދުވަސްވަރުގެ ގޮތުގައި ލިޔެވިގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved