theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
އދ. އާއި ބައިނަލްއަގުވާމީ 66 އިދާރާއަކުން އެމެރިކާ ވަކިވާން ނިންމައިފި
Yana Shareef
ޔާނާ ޝަރީފް
08 ޖެނުއަރީ 2026

އދ. އާއި ބައިނަލްއަގުވާމީ 66 އިދާރާއަކުން އެމެރިކާ ވަކިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނިންމަވައިފިއެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ދުނިޔޭގެ ސުލްހަ އަދި ޑިމޮކްރަސީއަށް މަސައްކަތްކުރާ މުހިންމު އެތައް ފޯރަމްތަކެއް ހިމެނެއެވެ.

ވައިޓް ހައުސްއިން ބުދަ ދުވަހުގެ ރޭ ނެރުނު ރިޔާސީ މެމޯރެންޑަމެއްގައި ޓްރަމްޕް ވިދާޅުވީ، މި ނިންމުމަކީ އެމެރިކާގެ މަސްލަހަތާ ފުށުއަރާ ޖަމިއްޔާތަކާއި، މުއާހަދާތަކާއި އެއްބަސްވުންތައް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. މި ބަދަލާއެކު، އެމެރިކާއިން އެ ޖަމިއްޔާތަކުގައި ބައިވެރިވުން ހުއްޓާލުމުގެ އިތުރުން، އެ ތަންތަނަށް ދެމުންދާ ހުރިހާ ފައިސާގެ އެހީއެއް ވެސް ކަނޑާލާނެއެވެ.

ވަކިވާން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި އދ. އާ ނުގުޅޭ 35 އިދާރާއެއް ހިމެނެއެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކާ ބެހޭ ސައިންޓިފިކް ހޯދުންތައް އެއްކުރާ އައި.ޕީ.ސީ.ސީ (IPCC) އާއި، އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީ އެންޑް އިލެކްޓޯރަލް އެސިސްޓެންސް ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވައިޓް ހައުސްގެ ލިސްޓުގައި އައި.ޕީ.ސީ.ސީ އަކީ އދ. އާ ނުގުޅޭ އިދާރާއެއްގެ ގޮތުގައި ހިމެނި ނަމަވެސް، އެއީ އދ. ގެ ދަށުން ހިނގާ، މޫސުމީ ބަދަލުތަކުގެ ސައިންޓިފިކް ދިރާސާތައް ކުރާ މުހިންމު އިދާރާއެކެވެ.

މީގެ އިތުރުން، އދ. ގެ ދަށުން ހިނގާ 31 އިދާރާއަކުން ވެސް އެމެރިކާ ވަކިވާނެއެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކާ ބެހޭ މައި މުއާހަދާ ކަމަށްވާ ޔޫ.އެން.އެފް.ސީ.ސީ.ސީ (UNFCCC) އާއި، އދ. ގެ ޑިމޮކްރަސީ ފަންޑު އަދި މައިންނާއި ކުޑަކުދިންގެ ސިއްހަތަށް މަސައްކަތްކުރާ ޔޫ.އެން.އެފް.ޕީ.އޭ (UNFPA) ހިމެނެއެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރާ އޮފީސްތަކުން ވެސް ވަކިވާން ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އދ. އިން ރަސްމީ ޖަވާބެއް ދޭނެ ކަމަށެވެ.

ޓްރަމްޕްގެ ދެވަނަ ދައުރު މިދިޔަ ޖެނުއަރީ މަހު ފެށުނު ފަހުން، އެމެރިކާ ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އާއި، ޕެރިސް މޫސުމީ އެއްބަސްވުން އަދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ވެސް ވަކިވެފައެވެ. ޑަބްލިޔު.އެޗް.އޯ އިން އެމެރިކާ ރަސްމީކޮށް ވަކިވުން އަމަލީ ގޮތުން ހިނގާނީ 22 ޖެނުއަރީ 2026 ގައެވެ. އެމެރިކާއަކީ ޑަބްލިޔު.އެޗް.އޯ ބަޖެޓުގެ 18 އިންސައްތަ ހިއްސާކުރާ ގައުމެވެ.

މީގެ އިތުރުން، ޣައްޒާގައި އިސްރާއީލުން ހިންގާ ލާ އިންސާނީ އަމަލުތަކާ ގުޅޭ ރިޕޯޓެއް ނެރުނު އދ. ގެ ހާއްސަ މަންދޫބު ފްރަންސެސްކާ އަލްބަނީޒްއާ ދެކޮޅަށް ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ، ޔޫ.އެން.އާރު.ޑަބްލިޔު.އޭ (UNRWA) އަށް ދޭ އެހީ ވެސް އެމެރިކާއިން ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved