March 21, 2026
Advertisement
-
- / ސީ.އެން.އެން

ގެއްލިގެން ހޯދަމުންދިޔަ އިންޑޮނޭޝިއާ މަތިންދާބޯޓުގެ ބައިތަކެއް ފެނިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 19, 2026, 12:14 AM
މާލެ ސިޓީ

ގެއްލިގެން ހޯދަމުންދިޔަ އިންޑޮނޭޝިއާ އެއާގެ މަތިންދާބޯޓުގެ ބައިތަކެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިއަދު ރިޕޯޓްކޮށްފިއެވެ.

Advertisement

މި މަތިންދާބޯޓު ގެއްލިފައިވަނީ ދަތުރުކުރަމުން ދަނިކޮށް، ކުއްލިއަކަށް ރާޑަރުން ކެނޑިގެންނެވެ. ބޯޓުގެ ބައިތައް ފެނިފައިވަނީ އިންޑޮނޭޝިއާގެ ޖާވާ ކަނޑުގެ ސަރަހައްދުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުގެ ސަރަހައްދު ބަލަމުންދިޔަ ކްރޫންނަށް ބޯޓުގެ ދޮރަކާއި، އިމަޖެންސީ ސްލައިޑެއްގެ އިތުރުން ބޯޓުގެ ބައެއް އެހެނިހެން ސާމާނުތައް ވަނީ ފެނިފައެވެ. މި ތަކެތި ފެނިފައިވަނީ ބޯޓު އެންމެ ފަހުން ރާޑަރަށް ފެނުނު ސަރަހައްދާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އެ ސަރަހައްދުގެ މޫސުން ގޯސްވެ، ގަދަ ވަޔާއެކު ވާރޭ ވެހެމުންދިއުމެވެ. ބޯޓު ގެއްލުނު އިރު އޭގައި ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ކުރޫއިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން މިހާރު ވަނީ އެ ސަރަހައްދަށް އިތުރު މަނަވަރުތަކާއި ހެލިކޮޕްޓަރުތައް ފޮނުވައި، ބޯޓުގެ ބާކީ ބައިތަކާއި ފަސިންޖަރުން ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ. އަދި ބޯޓުގެ ބްލެކް ބޮކްސް ހޯދުމަކީ މިވަގުތު އެންމެ އިސްކަމެއްދޭ މަސައްކަތް ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން ދަނީ އެއާޕޯޓްތަކުގައި ޖަމާވެ، އެންމެ ފަހުގެ މައުލޫމާތު ހޯދަމުންނެވެ. އިންޑޮނޭޝިއާގެ ރައީސް ވަނީ މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved