
ސަބްސިޑީ ފަދަ ކަންކަމަކީ އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ބަހަމުންދާ މަސްދަޅު ކޭސްތަކަކީ "ރޯދަ ހަދިޔާ" އެއްގެ ގޮތުގައި ސިފަކުރައްވައި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވާ ޑރ އަހުމަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދޭތަފާތު އެހީތަކާއި ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީ ގޮތުން "ހަދިޔާ" އެއްގެ ގޮތުގައި ސިފަކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
އެއީ އެއްވެސް ޙާލެއްގައި ސަރުކާރުގެ ދީލަތިކަމުން ނުވަތަ ހެޔޮފުޅުކަމުން ދޭ އެއްޗެއް ނޫން ކަމަށްވެސް ޑރ. އަހުމަދު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދައުލަތާއި ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެގެންވަނީ ޤާނޫނުން ލާޒިމްކުރާ ޙައްޤުތަކާއި އިލްތިޒާމްތަކެއްގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޑރ. އަހުމަދު ވިދާޅުވީ، ޢާންމު ޚިދުމަތްތަކާއި، އިޖްތިމާޢީ އެހީތަކާއި، ސަބްސިޑީ ފަދަ ކަންކަމަކީ އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތަކެއް ކަމަށެވެ. އެއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން ކަމަށްވާތީ، އެއީ ސީދާ ރައްޔިތުންގެ ޙައްޤެއް ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.










