May 17, 2026
Advertisement
..
..

ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޒިހާން ރައީސް މުއިއްޒަށް ފުކަކަށް ދީފި

May 17, 2026, 02:42 PM

ސަރުކާރުގެ ކޮރަޕްޝަނާއި ނާގާބިލުކަން ހާމަކޮށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ރައީސް މުޢިއްޒަށް ވަރުގަދަ މެސެޖުތަކެއް ފޮނުވައިފިއެވެ.

Advertisement

މި ސަރުކާރުގެ ތެރޭގައި އޮތް ބޮޑު ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސިޔާސަތުތަކަށް ކެތްނުކުރެވިގެން، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ވަޓްސްއަޕް މެސެޖުތަކެއް ލީކުވެ، ސަރުކާރުގެ ހަގީގީ ސޫރަ މިއަދު މިވަނީ ރައްޔިތުންގެ ކުރިމަތީގައި ހާމަވެފައެވެ. ރައީސް މުޢިއްޒު ޒިހާންގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން ސަބަބު އޮޅުންފިލުއްވަން ފޮނުއްވި މެސެޖަކަށް ޖަވާބު ދެމުން، ޒިހާން ވަނީ ސަރުކާރުގެ އެކި ފަންތިތަކުގައި ތިއްބެވި އިސް ބޭފުޅުން ގާނޫނާ ޚިލާފުވެ، ނާޖާއިޒު ފައިދާ ނެގުމަށް އޭނާއަށް ކުރިމަތިކުރި ފިއްތުންތަކުގެ ތަފްސީލުތައް ތިލަކޮށްފައެވެ. ޒިހާން ބުނި ގޮތުގައި، ގައުމީ މަސްލަހަތު އިސްކޮށް ކޮރަޕްޝަނާ ދެކޮޅަށް އޭނާ ތެދުވުމުން، ސަރުކާރުން އޭނާއަށް ދިނީ ނަފުރަތާއި އިހާނެތިކަމެވެ. އަދި އޭނާގެ މަސްއޫލިއްޔަތުތައް އަތުލައި، މަގާމުން ވަކިކުރަން ރޭވީ ރައީސް އޮފީހުގެ އަރިސް ބޭފުޅުންނާއި މަޖިލިސް މެމްބަރުން ހިމެނޭ "ގޭންގަކުން" ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

ޒިހާންގެ މެސެޖުގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުންނާއި، ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ފެށި ފޮރެންސިކް ތަހުގީގުތައް، ރައީސް މުޢިއްޒުގެ އަމިއްލަ ބާރާއި ނުފޫޒުން ވަގުތުން ހުއްޓުވާފައިވާ ކަމުގެ މައްސަލައެވެ. މީގެ އިތުރުން، ގާބިލު މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެންމެ ކޮރަޕްޓް މީހުންނަށް މަތީ މަގާމުތައް ދީ، ސަރުކާރުގެ ހުރިހާ ދިމާލެއްގައި ނާގާބިލުކަން އާލާކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ވެވަޑައިގެންނެވި ވައުދުތައް ފުއްދައިނުދެވި، ފަތުރުވެރިންނަށް ދިމާވި ހާދިސާތަކާއި ސިފައިންގެ މީހެއްގެ މަރުގެ ޒިންމާވެސް ރައީސް އުފުއްލަވަންޖެހޭނެ ކަމަށް ބުނެ ޒިހާން ވަނީ ސަރުކާރުގެ ސަބަބުން ގައުމު މިއަދު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށް ބުނެފައެވެ. މި ވެރިކަން ގެނައުމަށް އަމިއްލައަށް ކުރެވުނު މަސައްކަތާ މެދު މިއަދު އިންތިހާއަށް ހިތާމަކޮށް ލަދުގަންނަ ކަމަށް ބުނެ، ޒިހާން ވަނީ ރައީސް މުޢިއްޒުގެ ވެރިކަމަކީ ބިރުވެރި ހުވަފެނެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved