
ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ސިފައިން ކަނޑުއަޑީގައި ހިންގާ އޮޕަރޭޝަނާ ގުޅޭ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ބީބީސީއަށް ދެއްވި މައުލޫމާތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ހާމަކޮށްފިއެވެ.
ޝަފްރާޒް ކުރި އެކްސް ޕޯސްޓެއްގައި ބުނީ، ބީބީސީ ވޯލްޑަށް ދިން އިންޓަވިއުއެއްގައި، އިޓަލީ ސަރުކާރުން ދީފައިވާ ހާއްސަ އިކުއިޕްމަންޓް ބޭނުންކޮށްގެން ކޯސްޓްގާޑް ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށް މުންދު ވިދާޅުވި ކަމަށް ބީބީސީގެ އިންޓަވިއު ކުރި ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއީ ބޮޑު ދޮގެއް ކަމަށް 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޝަފްރާޒް ވަނީ ފާހަގަކޮށްފައެވެ.
ޝަފްރާޒު ކުރި އެހެން ޕޯސްޓެއްގައި ބުނެފައިވަނީ، އެމްއެންޑީއެފްގެ ޑައިވަރުންނަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. "ސިޔާސީ މީހުން ކަންކަމުގެ ތެރެއަށް އަތްބާނާ މިންވަރު ގަބޫލުކުރަންވެސް ދަތި،" ކަމަށެވެ. އޭނާ ވަނީ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައި، މަރުވެފައިވާ ބައެއްގެ ހަށިގަނޑުތައް ހޯދުމަށް އެފަދަ ނުރައްކާތެރި "އޯޑަރެއް" ދިނީ ކޮން ފަރާތަކުންތޯ ހޯދަން ޖެހޭ ކަމަށް ވެސް ބުނެފައެވެ.
ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރު ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވެފައިވާއިރު، ގިނަ ބަޔަކު ގެންަީ އެކަމުގައި އެމްއެންޑީއެފާ އަދި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބުނެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލަމުންނެވެ.









