1447 ވަނަ އަހަރުގެ ރޯދަ މަހު ވެސް މާލެ ސަރަހައްދުގައި މުދާ އުފުލުން މަނާ ވަގުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، ދުވާލުގެ ވަކި ވަގުތުތަކެއްގައި މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން މަނާކޮށްފައެވެ.
އެގޮތުން ހެނދުނު 08:00 އިން 09:30 އަށް އަދި ހަވީރު 04:30 އިން ރޭގަނޑު 08:00 އަށް މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
ހަމައެއާއެކު ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް، ހަވީރު 04:30 އިން ފެށިގެން ރޭގަނޑު 08:00 އަށް މުދާ އުފުލުމާއި ބަރު އުޅަނދު ދުއްވުން މަނާވާނެ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. މި އުސޫލަށް ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު (މާރިޗު 20 އިން 26 އަށް) ވެސް އަމަލުކުރަމުންދާނެ ކަމަށާ އުސޫލާ ޚިލާފުވާ ފަރާތްތައް -/750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށްވެސް އެ މިނިސްޓްރީއިން އަންގާފައިވެއެވެ.
މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ގިނަވެ، ޓްރެފިކް ބާރު ބޮޑުވުމުގެ ސަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނައުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ވެސް ވަކި ހާއްސަ ގަޑިތަކަކީ އުޅަނދު ދުއްވުމާ މުދާ އުފުލުންވެސް މަނާ ވަގުތުތަކެއްގެ ގޮތުގައި ކަނޑައަޅައެވެ.