
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް އުފެއްދެވި "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލީހުގެ ފުރަތަމަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، އޭނާއަށް ނިދިޖެހިފައި އިން މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގެ ނަމުގައި ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ނިދިފައި އިން މަންޒަރު ފެނުމުން، އޭނާގެ ސީރިއަސްކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ކޮންފަރެންސް ބޭއްވުނީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ ރިސޯޓުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ނިމުމެއް ގެނައުމަށް މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގެ އެންމެ މުހިންމު ވަގުތުގައި، ޓްރަމްޕް ދެލޯ މަރައިގެން އިސްޖަހާލައިގެން އިން މަންޒަރު ފެނުމުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފައެވެ.
"ބޯޑް އޮފް ޕީސް" އަކީ ޓްރަމްޕް، އޭނާއަކީ ދުނިޔެއަށް ސުލްހަ ގެނެސްދެވޭނެ ހަމައެކަނި ލީޑަރުކަން ދެއްކުމަށް އުފައްދާފައިވާ ޕްލެޓްފޯމެކެވެ. ނަމަވެސް، މި ޖަމާއަތުގެ ފުރަތަމަ ރަސްމީ ހަރަކާތުގައިވެސް ޓްރަމްޕްގެ ފަރާތުން ފެނުނު ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން، މިއީ ހަމައެކަނި ސިޔާސީ ދެއްކުންތެރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ޓްރަމްޕްގެ ސިޔާސީ ވާދަވެރިން ބުނަމުންދަނީ، ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރާ ކަމަށް ބުނާ ބޯޑެއްގެ މުހިންމު ބައްދަލުވުމެއްގައި ނިދިފައި އިނުމަކީ އޭނާގެ ގާބިލުކަމާ މެދު އުފެދޭ ބޮޑު ޝައްކެއް ކަމަށެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން އޭނާއަށް ނިސްބަތްކޮށް ބޭނުންކުރާ "ސްލީޕީ" މި ލަގަބަށް ލިބުނު އިތުރު ބާރެއް ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ހާދިސާއާ ގުޅިގެން ޓްރަމްޕްގެ ތަރުޖަމާނު އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ސޯޝަލް މީޑިއާގައި މި ޚަބަރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ދުނިޔޭގެ ނުތަނަވަސްކަން ހައްލުކުރަން ނުކުމެ ހުރި މީހަކު، އެންމެ މުހިންމު ދަނޑިވަޅުގައި ނިދިފައި އިނުމަކީ މުޅި ދުނިޔެއަށް ދެވުނު ގޯސް މެސެޖެކެވެ.










