
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ކުރިމަތިކުރި ހަރުކަށި ޑިމާންޑްތަކަށް އެ ގައުމުން މިހާތަނަށް އިޖާބަދީފައި ނުވާތީ، ޓްރަމްޕް ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައިވާ ކަމަށް އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ހާމަކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިޓްކޯފް ވިދާޅުވީ، އީރާނުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުފެނުމަކީ ޓްރަމްޕްގެ ހާރިޖީ ސިޔާސަތަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. އަދި އީރާނުން ޓްރަމްޕްގެ އިންޒާރުތަކަށް ބިރުގަތުމުގެ ބަދަލުގައި، އެ ގައުމުގެ ސިޔާސަތުގައި ހަރުދަނާކޮށް ދެމިއޮތުމުން ޓްރަމްޕް ހުންނެވީ ވަރަށް ބޮޑަށް ހައިރާންވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މުހައްލިލުން ދެކޭގޮތުގައި، މިއީ ދުނިޔޭގެ މަސްރަހުގައި ޓްރަމްޕްގެ ބާރުވެރިކަމާއި ނުފޫޒު ކުޑަވަމުންދާކަމުގެ ހެއްކެކެވެ. ކުރިން ބިރުދެއްކުމުގެ ސިޔާސަތުން ކަންކަން ހާސިލްކުރެއްވި ނަމަވެސް، މިހާރު ގައުމުތަކުން ޓްރަމްޕްގެ "އެކްސްޓްރީމް ޕްރެޝަރ" ސިޔާސަތަށް ގޮންޖަހަމުންދާކަން މި ހާދިސާއިން ހާމަވެއެވެ.
މި މާޔޫސްކަމާއެކު، ޓްރަމްޕް މިހާރު އުންމީދު ކުރައްވަނީ އީރާނާއެކު ކޮންމެވެސް ސިފައެއްގައި މަޝްވަރާގެ މޭޒަށް ދިއުމަށެވެ. ނަމަވެސް އީރާނުން ދައްކަމުންދާ ސާބިތުކަމުގެ ސަބަބުން، ޓްރަމްޕަށް ޖެހިވަޑައިގަންނަވާނީ އޭނާގެ ހަރުކަށި އުސޫލުތައް ދޫކޮށްލުމަށްފަހު ދޫދިނުންތަކެއް ދޭން ކަމަށް ސިޔާސީ މާހިރުން ލަފާކުރެއެވެ.










