
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި، އޭނާއަށް ދުނިޔޭގައި ބާކީ އޮތީ ކިހާ ވަގުތެއް ކަމެއް ނޭނގޭ ކަމަށް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ވަރަށް ގިނަ ބަޔަކު އޭނާ "މަރުވާން އެދޭތީ" ކަމަށް ބުނެ، އޭނާގެ ފުރާނައަށް ނުރައްކާ އޮތްކަން ހާމަކުރައްވަމުންނެވެ.
ނަމަވެސް، ޓްރަމްޕްގެ މި ވާހަކަފުޅުތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އޭނާއަށް ވަނީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޓްރަމްޕަކީ މުޅި ދުނިޔޭގެ ހަލާކެވެ. އޭނާގެ ވެރިކަމުގައި ފެނިގެން ގޮސްފައިވަނީ ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދައި، ހަމަނުޖެހުންތަކަށް މަގުފަހިވާނެ ފަދަ ސިޔާސަތުތައް ގެންގުޅުއްވާފައިވާ މަންޒަރެވެ.
ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބަދަލުގައި، ހަނގުރާމަތައް އުފެއްދުމަށް ހިތްވަރުދީ، މިނިވަން މުސްތަގިއްލު ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ގަދަކަމުން އަތްބާނައި، އެ ގައުމުތަކުގެ މިނިވަންކަމަށް އަރައިގަންނަމުންދާ ކަމަށް ސިޔާސީ މުހައްލިލުން ތުހުމަތުކުރެއެވެ. މިފަދަ ނުރައްކާތެރި އަމަލުތަކެއް ހިންގާ ފަރާތަކުން، އަމިއްލަ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން ބައިނަލްއަގުވާމީ ގުޅުންތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، އޭނާގެ ބަސްމަގާއި އަމަލުތައް ހުރި ގޮތުން ދުނިޔޭގެ މަސްލަހަތު ވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ.










