March 12, 2026
Advertisement
އިޓީގެ ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ
އިޓީގެ ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ / އޭއެފްޕީ

ހޭޓީގެ އެމެރިކާ އެމްބަސީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

Azzama
އައްޒާމާ
Mar 11, 2024, 05:42 PM

އެމެރިކާގެ އަސްކަރިއްޔާއިން ރޭގަނޑުގެ ވަގުތުގައި މުވައްޒަފުން ނެރެ، ހޭޓީގައި ހުންނަ އެމްބަސީގެ ސަލާމަތީ ކަންކަން އިތުރުކުރުމުގެ މިޝަނެއް ކުރިއަށް ގެންދިޔައިރު، މިއީ ވެރިރަށް ޕޯޓް އޮ ޕްރިންސްގެ ހާލަތު ގޯސްވަމުންދާ ކަމުގެ އަނެއް ނިޝާނެވެ.

Advertisement

އެމެރިކާގެ ސަދަން ކޮމާންޑުން ހުކުރު ދުވަހުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައިވާ ގޮތުން އަސްކަރިއްޔާއިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެދުމުގެ މަތިން އެމެރިކާގެ މުވައްޒަފުން އެމްބަސީއިން އެއާލިފްޓްކޮށް، އިތުރު ބަޔަކު އެމްބަސީއަށް ވައްދާފައިވެ އެވެ. މި މިޝަން ފަރުމާކޮށްފައިވަނީ "އަޅުގަނޑުމެންގެ އެމްބަސީގެ މިޝަންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށާއި، އަދި ކޮންމެހެން ބޭނުން ނުވާ ފަރާތްތަކަށް ފުރުމުގެ ފުރުސަތު ދިނުމަށް" ކަމަށް ބަޔާނުގައިވެ އެވެ. މި އޮޕަރޭޝަންގައި ހޭޓީގެ އެއްވެސް މީހަކު ނެތެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކެރީބިއަން ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓި، ވެރިރަށަށް ގޭންގްތަކުން ވެރިވެ، ސަރުކާރު ފުނޑުފުނޑުވުމުގެ މަގުމަތީގައި އޮތް ދަނޑިވަޅެއްގައެވެ. ގޭންގުތަކުން ވަނީ ޕޮލިސް ސްޓޭޝަންތަކަށާއި ޖަލުތަކަށް ހަމަލާދީ، ކަނޑު ބަނދަރުތަކާއި އާންމުންގެ އިމާރާތްތައް ލޫޓުވައި، އެއާޕޯޓް ބަންދުކޮށް، ކާބޯތަކެތި ފަދަ މުހިންމު ސާމާނުގެ ޝިޕްމަންޓްތައް ހުއްޓުވާފަ އެވެ. ބޮޑުވަޒީރު އެރިއެލް ހެންރީ ޕުއެރްޓޯ ރީކޯގައި ތާށިވެފައި ވަނީ ގޭންގް މެމްބަރުން އިސްތިއުފާ ދިނުމަށް ޑިމާންޑް ކުރަމުން ދަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved